މާލެ ސަރަހައްދުގައި ގޭންގު ހަރަކާތްތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ ޚާއްސަ މަސައްކަތުގެ ތެރެއިން ކުށްކުރުމަށް ބޭނުންކުރާ ކަމަށް ޝައްކުކުރެވޭ 100 އަށްވުރެ ގިނަ އުޅަނދު ޓޯކޮށްފިއެވެ.
މދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އިންސްޕެކްޓަޓަރ އޮފް ޕޮލިސް ވައްގާސް ޝަރީފް މިކަން ހާމަކުރައްވާ ވިދާޅުވީ ގޭންގު ހަރަކާތްތައް އެންމެ ގިނައިން ހިންގާ ސަރަހައްދުތައް ފާހަގަކޮށް، އެ ތަންތަނުގައި ފުލުހުންގެ ޕެޓްރޯލިން އިތުރުކޮށްފައިވާ ކަމަށެވެ.
އެގޮތުން މިހާތަނަށް 2،394 އުޅަނދު ބަލައި ފާސްކޮށްފައިވާކަން ހާމަކުރައްވާ ޝަރީފް ވިދާޅުވީ އޭގެ ތެރެއިން 144 އުޅަނދު ޓޯކޮށްފައިވާ ކަމަށެވެ.
ހަމައެއާއިއެކު، ގަވާއިދާ ޚިލާފަށް ގޭންގުތަކުން މަގުމަތީގައި ބަހައްޓާފައި ހުންނަ ގޮނޑި ފަދަ ތަކެތި ނެގުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށާއި މިހާތަނަށް 77 އައިޓަމް ނަގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ރޭގަނޑުގެ ވަގުތުތަކުގައި 18 އަހަރުން ދަށުގެ ކުދިން އެއްވެ އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިފަދަ ކުދިންނަށް ނަސޭހަތްތެރިވެ، އެ ސަރަހައްދުތަކުން ދުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ތަކުރާރުކޮށް ފެންނަ ކުދިންގެ ބެލެނިވެރިންނަށް މިކަން އަންގަމުންދާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.



