އެކި ކުށްތައް ކުރާ ކުޑަކުދިން ގޭންގުތަކާ ނުވަތަ ގްރޫޕުތަކާ ގިނަ ފަހަރަށް ގުޅެނީ އެކުދިންނަށް އާއިލާގެ ފަރާތުން ލިބެންޖެހޭ އަޅާލުމާއި ރައްކާތެރިކަން ނުލިބެތީކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފަހަކަށް އައިސް ރާއްޖޭގައި، ޚާއްސަކޮށް މާލެ ސަރަހައްދުގައި ހިނގާ މާރާމާރީއާއި އެނޫންވެސް އެކި ކަހަލަ ކުށްތަކުގައި، އުމުރުން 18 އަހަރު ނުފުރޭ ކުދިން ބައިވެރިވާކަމާއި ހައްޔަރުކޮށްފައިވާކަން އަންނަނީ ފާހަގަ ކުރެވިފައެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ރޭގައި ބައިވެރިވަޑައިގެން، މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހެޑް އޮފް ގޭންގް ކްރައިމް، ސުޕްރިޑެންޓް އޮފް ޕޮލިސް އާރިފް ވިދާޅުވީ ކުޑަކުދިން އެކި ކުށްތައް ކުރާ ގްރޫޕުތަކާ ގިނަ ފަހަރަށް ގުޅެނީ އާއިލާގެ ފަރާތުން ރައްކާތެރިކަމާއި އަޅާލުން ނުލިބޭތީ ކަމަށެވެ.
”އެ ކުދިން ދެކޭ ގޮތުން ވެއްޖިއްޔާމުން މިފަދަ ގްރޫޕަކާ ގުޅުނީމަ އެބަ ރައްކާތެރިކަމެއް އެބަ ލިބޭ. ރައްޓެހިންތަކެއް އެބަލިބޭ އެއްކޮށް އުޅުމަށް ޓަކައި،“ އާރިފް ވިދާޅުވިއެވެ.
އާރިފް ވިދާޅުވީ އެފަދަ ބޭނުންތަކާ އެކު ވަދެވިގެންދަނީ ކިހާ ނުރައްކާތެރި ބައެއްގެ ތެރެއަށް ކަމުގައި ހަގީގަތުގައި އެ ކުދިންނަށް ވަޒަން ނުކުރެވޭ ކަމަށެވެ. އަދި އެކުދިންނަށް އެއްކޮށް އެއުޅެވެނީ ނުރައްކާތެރިބަޔަކާއެކު ކަމަށާއި އަރައިގަނެވެނީ ކިހާވަރެއްގެ ބޮޑު ކުޑަކަށްކަން އެނގެނީ މާފަހުން ކަމަށް ވެސް އާރިފް ވިދާޅުވިއެވެ.




