މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި، ފަޅުރަށްތައް ކައުންސިލްތަކާ ހަވާލުކުރެއްވުމުގެ އުސޫލުގެދަށުން އިތުރު ފަސް ކައުންސިލަކުން 7 ފަޅުރަށެއް ހޯދުމަށް ހުށައަޅާފައިވާކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓު އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ، ފަޅުރަށްތައް ޕްރޮޕޯސަލް ހުށައަޅައިގެން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި ފަހި ފުރުސަތުގައި މިހާތަނަށް ތިން ކައުންސިލަކުން 4 ފަޅުރަށް ހޯދާފައިވާކަމަށެވެ.
އެއީ:
° ރ. އިނގުރައިދޫ ކައުންސިލު
° ދ. އަތޮޅު ކައުންސިލް
° ލ. މާވަށު ކައުންސިލު
”މިހާރުވެސް އަނެއްކާވެސް އެބަހުރި އިތުރު 5 ކައުންސިލަކުން 7 ރަށް ހޯދުމަށް ހުށައަޅާފައި. އެއީ ހދ.އަތޮޅު ކައުންސިލުން ހދ.ފަރިދޫ، ރ.ދުވާފަރު ކައުންސިލުން ރ.އެނބޫދޫ، ފ.އަތޮޅު ކައުންސިލުން ފ.މަކުނުއެރި، ގދ.ދެއްވަދޫ ކައުންސިލުން ގއ.ވިލިގަލާ އަދި ގދ. އަތޮޅު ކައުންސިލުން ގދ. މާނައިދޫ، ވާރެޔާދޫ އަދި ލޮނުދޫ“ މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވިއެވެ.
މާލީ ގޮތުން ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި، ފަޅުރަށްތައް ކައުންސިލްތަކާ ހަވާލުކުރެއްވުމުގެ އުސޫލުގެދަށުން ފުރަތަމަ ފަހަރަށް 3 ކައުންސިލަކާއި 4 ފަޅުރަށެއް ހަވާލުކުރީ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައެވެ.




