މަރާމާތުގެ މަސައްކަތައް މާލޭގެ ރަސްފަންނު ސަރަހައްދު އާއްމުންނަށް ވަގުތީ ގޮތުން ބަންދުކުރަން ނިންމައިފި އެވެ.
ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓްރީން މިއަދު އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، މި ހަފްތާގެ ހޮނިހިރުން ފެށިގެން މި މަހުގެ 28 އަށް ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތަށް ބަންދުކުރަން ހަމަޖެހިފައިވާ ކަމަށެވެ.
މިމަސައްކަތަށް ރަސްފަންނު ބަންދު ކުރުމަށް ނިންމާފައިވާއިރު، މިހާރު ވެސް ރަސްފަންނު ސަރަހައްދުން ކިސަޑު ނަގައި، ބީޗަށް ވެލި އެޅުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދުގެ މޫދަށް އެރޭ ސަރަހައްދު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ.
މިކަމާއި ގުޅޭ ގޮތުން މާލޭގެ މޭޔަރު އާދަމް އާޒިމް މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި ރަސްފަންނު އަލުން މަރާމާތުކޮށް ނިމޭއިރު އެތަން ހުންނާނީ ރަނގަޅު ފެންވަރެއްގައި ހެދިފައެވެ. އަދި މިމަސައްކަތް ނިމޭއިރު ބީޗާއި ހަޓުތައް ވެސް ރީތިވެގެން ދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
މީގެއިތުރުން، މަސައްކަތް ފަށާތާ ދެ ތިން މަސް ދުވަހުގެ ތެރޭގައި މަރާމާތުގެ ކަންކަން ނިމޭނެކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
”އެކަމުގެ އުފާވެރި ހަބަރު ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ދެން. މާލެ ސިޓީގެ ރައްޔިތުން ބޭނުންވާ ކަންކަން ކުރިއާލާ ދެނެގަނެ، އެ ކަންކަން ކޮށްދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދެން” އާޒިމް ވިދާޅުވި އެވެ.



