މިދިޔަ އަހަރެކޭ ވެސް އެއްފަދައިން މިއަހަރު ވެސް ފިޠުރު ޢީދު ދުވަހު ރާއްޖޭގެ ރަށްތައް ދިއްލުމަށް ބޭނުންވާނެ ވަޞީލަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި އެގޮތުގެ މަތިން މިއަހަރު 36 ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ޢީދު ލައިޓު ފޮނުވަން ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް ސިޓީޒް، ލޯކަލް ގަވަރންމެންޓް އެންޑް ޕަބްލިކް ވޯރކްސް، އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މިއަހަރު ޢީދު ލައިޓުތައް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވަނީ ކޮންމެ އަތޮޅަކުން ވެސް، އެންމެ އާބާދީ ބޮޑު ދެ ރަށަކަށް ކަމަށެވެ.
މީގެއިތުރުން މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވީ ޢީދު ލައިޓުތައް ދިއްލުމުގައި ފެނިގެންދާ އެކުވެރިކަމާއި، އޭގެ ޒަރީޢާއިން ފެނިގެންދާ އިސްލާމީ ޝިޢާރުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އިސްލާމީ ވަޙުދަތު ރައްކާތެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހަންމިއްޔަތު ވަރަށް ރަނގަޅަށް ހާމަވެގެންދާ ކަމަށެވެ. އަދި ރައީސް މުޢިއްޒު މާލެ ސިޓީގެ މޭޔަރުގެ ގޮތޮގައި ހުންނެވިއިރު ރަށްތަކުގައި ކުލަގަދަކޮށް ޢީދު ލައިޓުތައް ދިއްލަން ފެށި ހިސާބުން ފެށިގެން މިދިޔަ އަހަރުވެސް ލައިޓުތައް ގެނައުމުން އެކި ރަށްތަކުން ލައިޓު ބޭނުންވެގެން ހުއްޓުމެއްނެތި އެކަމަށް އެދެމުންދިޔަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
”މި ލައިޓުތަކަކީ ހަމައެކަނި ޢީދަށް ބޭނުންކުރާ ލައިޓުތަކެއްގެ ބަދަލުގައި މިނިވަން ދުވަސްފަދަ އެހެނިހެން މުނާސަބުތަކުގައި ވެސް ބޭނުންކުރަމުންދާ ތަކެއްޗަށްވުމުން، ރަށްތަކުގެ ރައްޔިތުންގެ ހިތްހަމަޖެހުމަށްޓަކައި ކުރާ މިފަދަ ހޭދަތަކަކީ ވަރަށް މުހިންމު ހޭދަތަކެއް“ މިނިސްޓަރ ވިދާޅުވިއެވެ.
މިކަމަށް ހޭދަވާނެ ޚަރަދަކާބެހޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މިކަމަށް 28 މިލިޔަން ރުފިޔާ ހޭދަވާނެ ކަމަށެވެ.



