ރަމަޟާންމަހު ކެއިންބުއިމުގައި ބޭނުންކުރާތަކެތި އަގު ނޫފުލޭ ގޮތަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިދެއްވި އިންތިޒާމަށް ކުންފުނިތަކުން ދޭ އެއްބާރުލުމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ޝުކުރު ދަންނަވައިފިއެވެ.
މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރަމަޟާންމަހު ކެއިންބުއިމުގައި ބޭނުންކުރާތަކެތި އަގު ނޫފުލި ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ ލުއި ފަސޭހައަށް އަޅުއްވާ އޯގާތެރި ފިޔަވަޅުތަކުގައި ސަރުކާރު އަދި އަމިއްލަ ކުންފުނިތައް ބައިވެރިވަމުންދާ ކަމަށެވެ.
މިކަމުގައި ކުންފުނިތަކުން ދެއްވާ އެއްބާރުލުމަށް މިނިސްޓަރު ވަނީ އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
މިނިސްޓަރު މިފަދައިން ވިދާާޅުވެފައިވާއިރު، ސަރުކާރުން ދަނީ ރޯދަ މަހަށް އަސާސީ ތަކެތި ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި މަސައްކަތު ތެރެއިން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވެސް ވަނީ ރަމަޟާން މަހަށް ޚާއްޞަކޮށް އިމްޕޯޓްކޮށްފައިވާ ފިޔާ، ބިސް، އަލުވި އަދި ލުނބޯ ހެޔޮ އަގުގައި ވިއްކަން ފަށައިފައެވެ.
އެސްޓީއޯއިން ހާމަކޮށްފައިވާ ގޮތުގައި މި ތަކެތި އިމްޕޯޓްކުރުމުގެ މައިގަނޑު މަޤްޞަދަކީ ރޯދަމަހު މި ތަކެތީގެ އަގު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމެވެ. ”ރަމަޟާން މަހަކީ ކާބޯތަކެއްޗަށް ޑިމާންޑް އިތުރުވާ މޫސުމަކަށްވާތީ، މި ފަދަ އަސާސީ ތަކެތި އެކަށޭނަ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ އަމާޒެއް،“ އެސްޓިއޯއިން ބުނެފައިވެއެވެ.
މިހާރު އެސްޓީއޯއިން ވިއްކަމުންދާ އަގުތަކަށް ބަލާއިރު، ބިސް ކޭހެއް 320 ރުފިޔާއަށް، އަލުވި ބަސްތާއެއް 310 ރުފިޔާއަށް، ފިޔާ ބަސްތާއެއް 310 ރުފިޔާއަށް އަދި ލުނބޯ ކޭހެއް (5 ކިލޯ) 145 ރުފިޔާއަށް ލިބެން ހުންނާނެއެވެ.
މީގެ އިތުރުން، އެސްޓީއޯއިން ވަނީ ރަމަޟާން މަހަށް އިތުރު ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައިވާ ކަމަށާއި މީގެ ތެރޭގައި ތާޒާ ތަރުކާރީ އާއި މޭވާ، ޕްރޮސެސްޑް ކާނާ އަދި ކެއްކުމަށް ބޭނުންކުރާ ތަކެތި ހިމެނޭ ކަމަށް އެސްޓިއޯއިން މައުލޫމާތުދީފައިވެއެވެ.




