މާލޭގެ އެކި ސަރަހައްދުތަކުން މަރުވެފައިވާ ކޮތަރު ފެންނަމުންދާތީ، އެކަން ދިމާވާ ސަބަބު ދެނެގަތުމުގެ މަސައްކަތް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
އެވުޒާރާއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މާލޭގެ އެކި ހިސާބުތަކުން ބަލިވެފައިވާ ކޮތަރާއި، މަރުވެފައިވާ ކޮތަރުތައް ފެންނަމުންދާކަން އެ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެހެންކަމުން، އެކަން ދިމާވާ ސަބަބު ދެނެގަތުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
”މާލޭގެ އެކި ހިސާބުތަކުން ބަލިވެފައިވާ ކޮތަރާއި، މަރުވެފައިވާ ކޮތަރުތައް ފެންނަމުންދާކަން، މި ވުޒާރާގެ ސަމާލުކަމަށް އައުމާގުޅިގެން، އެކަން ދިމާވާ ސަބަބު ދެނެގަތުމުގެ މަސައްކަތް މި ވުޒާރާއިން ވަނީ ފަށާފަ،“ އެވުޒާރާއިން އެކްސްގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެއެވެ.
އިތުރަށް އެ ވުޒާރާއިން ބުނެފައިވަނީ، މި މައްސަލައިގެ ސަބަބު ދެނެގަނެވޭހާ އަވަހަކަށް، އެކަމުގެ ތަފްސީލް އާންމުކޮށް ހާމަކުރާނެ ކަމަށެވެ.



