މަތީ ތަޢުލީމަށް ކިޔަވައިދިނުމުގައި ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފާ މިންވަރު އިތުރުކުރަންޖެހޭކަމަށް މިނިސްޓާރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.
ތަޢުލީމީ ދާއިރާގެ ގިނަ ފަރާތްތަކެއް ބައިވެރިވެގެން ކުރިއަށް ގެންދިޔަ ނެޝަނަލް ހިއުމަން ކެޕިޓަލް ނީޑްސް އެސެސްމަންޓާއި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ ތަޢުލީމީ ނިޒާމުގެ ތެރެއިން ދަސްވެނިވާ ދަރިވަރުންނަކީ ޤާބިލް، ހުނަރުވެރި އަދި ވަޒީފާތަކުގައި ދެމިތިބޭނެ އަޚްލާގުގެ ވެރިބަޔަކަށް ހެދުމަކީ އަމާޒެއްކަމަށެވެ.
ތަޢުލީމީ ދާއިރާގައި ބައިވެރިވާ ފަރާތްތަކުގެ ތަޖުރިބާއާއި މަޝްވަރާ އާއިއެކު ކުރިމަގުގައި ތަމްރީނު ޕްރޮގްރާމްތައް ހަރުދަނާކުރުމަށް އަޅާނެ ފިޔަވަޅުތައް ފާހަގަކުރުމަށް ބޭއްވި މިބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، ތަޢުލީމީ ދާއިރާގައި ޝާމިލްވާ މުހިއްމު މުއައްސަސާތައް ހިމެނިގެން ކުރިއަށްދާ މި މަސައްކަތް ގުޅިފައިވަނީ ސަރުކާރުގެ އަމާޒެއްކަމުގައިވާ ހުރިހާ ދިވެހިންނަށް ވަޒީފާ ފަހިކުރުމުގެ ސިޔާސަތާކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ވަޒީފާގެ ފުރުޞަތު ފަހިކުރުމުގެ ސިޔާސަތުތައް، ފުރިހަމަ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލުމަށް ކޮށްފައިވާ ދިރާސާގައި މުޅި ރާއްޖެ ހިމެނޭހެން އިޤްތިޞާދީ 7 ދާއިރާއަކުން މަޢުލޫމާތު އެއްކުރެވިފައިވާ ކަމަށެވެ.



