ކުރިޔަށް އޮތް ރޯދަ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ކޮންމެ ގޭބީސީއަކަށް ހަދިޔާކުރާ މަސްދަޅު ކޭސް ބަހާ ސަރަހައްދަށް ’ސައުވީސް‘ ގެ ނޫސްވެރިން ދިޔުމުން ފެނުނީ ކިއު ހަދާފައި ތިބި އެތައް ސަތޭކަ ބަޔަކު އުފަލުން ފޮޅިފައި ތިބި މަންޒަރެވެ. ކިޔުގައި ގިނަ ވަގުތަތަކެއް ވަންދެން ކޮޅަށް ހުންނަން ޖެހުނަސް ޝަކުވާ އެއް ނެތް ކަމަށާއި، ސަބަބަކީ މިއީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ރޯދަ ހަދިޔާ އެއް ކަމަށް ކިޔުގައި ތިބި ބައެއް ފަރާތްތަކުން ’ސައުވީސް‘ އާއި ވާހަކަ ދައްކަމުން ބުންޔެވެ.
5 ސަރަހައްދަކަށް ބަހާލައިގެން މަސްދަޅު ކޭސްތައް ބަހަން ފެށީ ރޭ 8:30 ގައެވެ. މަސްދަޅު ކޭސްތައް ބަހަން ފެށުމާއިއެކު ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެ ސަރަހައްދު ތަކުގައި ކިއު ހަދާލާފައެވެ. އެންމެ ބޮޑު ކިއުއެއް އޮތް ކަމަށް ފާހަގަ ކުރެވުނީ މާލޭގައި ހުންނަ މިފްކޯ އޮފީސް ސަރަހައްދުގައެވެ. އެ ސަރަހައްދުގައި ތިބި ބައެއް ފަރާތްތަކުން ’ސައުވީސް‘ އާއި ވާހަކަ ދައްކަމުން ބުނީ މިއީ މީގެ ކުރީ ސަރުކާރު ތަކުން ދިން ފަދަ ރޯދަ ހަދިޔާއެއް ނޫން ކަމަށާއި، މަސްދަޅު ކޭހެއް ލިބުމަކީ ރޯދަ މަހަށް ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.
“ ސަރުކާރާއި ފިކުރު ތަފާތު ވިޔަސް ގަބޫލު ކުރަން ޖެހޭ އަހަރުމެންނަށް ހަޤީގީ ރޯދަ ހަދިޔާ އަކަށް ވާކަހަލަ ހަދިޔާއެއް މިދިނީ މި ސަރުކާރުން. “ އެ ސަރަހައްދުގައި ހުރި މީހަކު ’ސައުވީސް‘ އާއި ވާހަކަ ދައްކަމުން ބުންޔެވެ.
މާލޭގެ ރައްޔިތުންނަށް މަސްދަޅު ކޭސްތައް ބަހާއިރު، ކޮންމެ ގެޔަކަށްވެސް ދޫކުރުމަށް ނިންމާފައިވަނީ 48 ދަޅުގެ އެއް މަސްކޭހެކެވެ. މަސްދަޅުތައް ދޫކުރާނީ ކޮންމެ ގެޔެއްގެ ވެސް ކަރަންޓު މީޓަރު ނަންބަރަށެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސްތައް ދޫކުރާ ތަންތަނަކީ:
- މާލެ: މިފްކޯ އޮފީސް ސަރަހައްދު
- މާލެ: އެމްޓީސީސީ ސޯމިލް
- ވިލިމާލެ: ވެމްކޯ ސައިޓު
- ހުޅުމާލެ: އުމަރު ޒާހިރު ބިލްޑިންގ
- ހުޅުމާލެ: ހިޔާ ޓަވަރު 10 ގައި ހުންނަ ޔޫތު ސެންޓަރު
މާދަމާ (ހޮނިހިރު ދުވަހު) ވެސް މި ސަރަހައްދުތަކުގައި މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތް ކުރިޔަށް ދާނެ ކަމަށް ސަރުކާރުން ވަނީ އިއުލާނު ކުރައްވާފައެވެ. ހޮނިހިރު ދުވަހު މަސްދަޅު ކޭސްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ ހެނދުނު 10:00 އިން ހަވީރު 16:00 އަށް، އަދި ރޭގަނޑު 20:30 އިން 23:00 އަށެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މި ރޯދަ މަހު ކޮންމެ ގެޔަކަށް މަސްދަޅު ކޭހެއް ބަހާއިރު، މިދިޔަ އަހަރު އެ މަނިކުފާނުގެ ސަރުކާރުން ވަނީ ކޮންމެ ގެޔަކަށް 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް ހަދިޔާ ކުރައްވާފައެވެ.
ރޯދަ ހަދިޔާއެއްގެ ގޮތުގައި ކޮންމެ ގެޔަކަށް މަސްދަޅު ކޭހެއް ދެއްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު އިއުލާނު ކުރެއްވީ އެ މަނިކުފާނުގެ ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފާހަގަ ކޮށްލެވޭ ކަމަކީ މި އަހަރު ސަރުކާރުން ކޮންމެ ގެޔަކަށް ދެ މަސްދަޅު ކޭހަކީ މިހާތަނަށް ސަރުކާރަކުން ރައްޔިތުންނަށް ދޭ އެންމެ ބޮޑު ރޯދަ ހަދިޔާ އެވެ.



