އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ގެއެއްގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފްއިން ހާމަކޮށްފައިވާ ގޮތުގައި، މިއަދު ފަތިހު 5:11 ހާއިރު މި ހާދިސާގެ ރިޕޯޓު ސަދަން އޭރިއާ ކޮމާންޑުގެ ހިތަދޫ ފަޔަރ ސްޓޭޝަނަށް ވަނީ ލިބިފައެވެ.
މިހާދިސާގެ މަޢުލޫމާތު ލިބުމާއެކު، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަގުތުން އެ ސަރަހައްދަށް ދަތުރުކޮށް، އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވާކަން ހާމަކޮށް އެމްއެންޑީއެފް އިން ބުނީ ގާތްގަނޑަކަށް 3 ގަޑިއިރުގެ މަސައްކަތަކަށްފަހު، ހެނދުނު 8:05 ހާއިރު އަލިފާން މުޅިން ނިއްވާލެވިފައިވާ ކަމަށެވެ.
އެމްއެންޑީއެފްއިން އިތުރަށް ބުނީ މިހާދިސާ ހިނގާފައިވާ ގެ ”ގާލެންޑް“ އަކީ މީހުން ދިރިއުޅޭ ގެއެއް ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާ ކަމަށެވެ. އެހެންނަމަވެސް، އަލިފާނުގެ ސަބަބުން އެގެއަށް ބޭނުން ނުކުރެވޭ ވަރަށް ގެއްލުން ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.



