ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލްއަށް ޝްރީލަންކާގެ ރައްޔިތަކު ބޮޑެތި އިންޒާރުތަކެއް ދީފައިވާ މައްސަލައެއް ބަލަން ފަށައިފިއެވެ.
ނަދީޝް ޕަރޭރާ ނަމަކަށް ކިޔާ އެމީހާ ވަނީ ”އެކްސް“ މެދުވެރިކޮށް މިނިސްޓަރ ޚަލީލްއަށް ބޮޑެތި އިންޒާރުތަކެއް ދީފައެވެ.
އެގޮތުން ނަދީޝް ވަނީ މިނިސްޓަރ ޚަލީލް، ޝްރީލަންކާގެ ރައީސް އަނޫރާ ކުމާރާއާ ބައްދަލު ކުރައްވަން މިއަދު ވަޑައިގަންނަވާއިރު، އެމަނިކުފާނު ދަތުރުކުރައްވާ ކާރުކޮޅު ގޮއްވާލައި، ފުރާނައަށް ނުރައްކާވާނެފަދަ ހަމަލާއެއް ދޭނެކަމުގެ އިންޒާރު ނުސީދާ ގޮތަކަށް ދީފައެވެ.
މީގެއިތުރުން މިނިސްޓަރ ޚަލީލް ނިދިކުރައްވާފައި ވަނިކޮށް، އޭނާ މިނިސްޓަރ ރަހީނުކޮށް، ހަމަލާތަކެއް ދޭނެކަމުގެ ނުސީދާ އިންޒާރުތަކެއް ވެސް ފާޅުގައި ދީފައިވެއެވެ.
މިކަމާ ގުޅޭގޮތުން ”ސައުވީސް“ އިން ރޭގައި ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މިކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެހެންކަމުން ކަމާގުޅުންހުރި އިދާރާތަކާއެކު ބަލަންޖެހޭ ކަންކަން ބަލަމުން ގެންދަވާ ކަމަށެވެ.
މިނިސްޓަރ ޚަލީލް ޝްރީލަންކާއަށް ކުރައްވާފައިމިވާ ރަސްމީ ދަތުރުފުޅަކީ އެޤައުމުގެ ފޮރިން މިނިސްޓަރ ވިޖީތާ ހެރާތުގެ ދައުވަތަކަށް މިމަހު 19 ވަނަ ދުވަހު ފައްޓަވާފައިވާ ދަތުރުފުޅެކެވެ.



