ރަމަޟާން މަހާ ދިމާކޮށް ހުޅުމާލެ ސާފުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކޮންމެ އަހަރަކު ކުރިއަށްގެންދާ ”ރޯދަ ސާފު“ ޕްރޮގުރާމު މިއަދު ފަށައިފިއެވެ.
އެޗްޑީސީއިން ހާމަކޮށްފައިވާ ގޮތުގައިމި ޕްރޮގުރާމުގެ މައިގަނޑު މަޤްޞަދަކީ ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމުގައި އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުމާއި އެއްބާރުލުން އިތުރުކުރުމެވެ.
މީގެ އިތުރުން، ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮތް އާދައެއް ކަމުގައިވާ ދިރިއުޅޭ ގޭގެ ވަށައިގެންވާ ސަރަހައްދު ކުނިކަހާ ބެލެހެއްޓުމުގެ ސަގާފަތް ދެމެހެއްޓުމަށް ހިތްވަރުދިނުމަކީވެސް މި ޕްރޮގުރާމުގެ މުހިންމު އަމާޒެއް ކަމުގައި އެޗްޑީސީއިން ބުނެފައިވެއެވެ.

މިއަހަރުގެ ”ރޯދަ ސާފު“ ޕްރޮގުރާމު ފަށާފައި ވަނީ ހުޅުމާލޭގެ ޗެނަލް ޕާކު ސަރަހައްދުގައިކަން ހާމަކޮށް އެޗްޑީސީއިން ބުނީ މި ޕްރޮގުރާމުގެ ދަށުން، ރަމަޟާން މަސް ފެށެންދެން ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް ކުރިއަށްގެންދެވޭނެ ކަމަށެވެ.
މީގެއިތުރުން، ކުރީ އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ޕްރޮގުރާމުގައިވެސް ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކާއި، އެޗްޑީސީގެ މުވައްޒަފުން އަދި ހުޅުމާލޭގެ ރައްޔިތުން ބައިވެރިވުމަށް ހަމަޖެހިފައިވާއިރު، މި ޕްރޮގުރާމުގެ އަމާޒަކީ ހުޅުމާލޭގެ ރީތިކަން ދެމެހެއްޓުމާއި ރޯދަ މަސް ފެށުމުގެ ކުރިން، އެންމެން ގުޅިގެން ރަށުތެރެ ސާފުކުރުން ކަމުގައި އެޗްޑީސީއިން ބުނެފައިވެއެވެ.
ހަމައެއާއިއެކު، ހުޅުމާލޭގެ މާހައުލަކީ އެތަނުގައި ދިރިއުޅޭ ފަރާތްތަކާއި ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްފަސޭހަ ތަނަކަށް ހެދުމަށް އެޗްޑީސީއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މުސްތަޤުބަލުގައިވެސް އާންމުންގެ ލާބައާއި މަންފާއަށް އަދި ވަކިން ޚާއްޞަކޮށް ސާފުކުރުމުގެ ރީތި އާދަ އާލާކުރުމަށާއި ހުޅުމާލޭގެ ވެށި ސާފުކޮށް ބޭއްވުމަށް ގިނަ ޕްރޮގުރާމުތަކެއް ކުރިއަށްގެންދިއުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ.



