އައްޑޫ ސިޓީ ހިތަދޫގައި މިއަދު ފަތިހު އަލިފާނުގެ ހާދިސާ ހިނގި ގޭގައި ދިރިއުޅެމުންދިޔަ ޢާއިލާއަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާގައި ގެއްލުން ލިބުނު ޢާއިލާއަށް އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން މިހާރު ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް)ގެ ގޭގައެވެ.
މިހާދިސާ އާއި ގުޅިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފައިވާ ގޮތުގައި، މި ހާދިސާގައި ރޯވެފައި ހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ހެނދުނު 8:05 ހާއިރުއެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅޭގޮތުން މީސްމީޑިއާ މެދުވެރިކޮށް މޯޑް ވިދާޅުވީ އަލިފާނުގެ ހާދިސާގައި ގެ އެއްކޮށް އަނދައި ހުލިވެ، ގޭގައި ހުރި އެއްވެސް އެއްޗެއް ސަލާމަތްނުކުރެވުނު ނަމަވެސް، ގޭގައި އެވަގުތު ތިބި މީހުން ސަލާމަތްވެފައިވާ ކަމަށެވެ.



