ހުޅުމާލޭ ފޭސް ދޭއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެއްޗާއި ބަނގުރާ ފެނުނު މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ލ. ގަން / ތުނޑި. މިލާނޯ، މުޙައްމަދު ރިޝްފާން (28އ)، ލ. ގަން / މަތިމަރަދޫ، ރިޔާޟު، ޙުސައިން ޝިޔާން (23އ) އަދި ލ. ގަން / ތުނޑި. ފީނިވިލާ، ޙައްވާ ސިމާނާ (29އ) އެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުން ހައްޔަރުކޮށްފައި ވަނީ 2025 ފެބްރުވަރީ 19 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ހުޅުމާލޭ ފޭސް ދޭއް، ހިޔާ ޓަވަރު ނުވައެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެއްޗާއި ބަނގުރާ ފެނުމާ ގުޅިގެންނެވެ.
މި އޮޕަރޭޝަންގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ދަޅަކާއި 5 ރަބަރު ޕެކެޓްގެ އިތުރުން ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 މިލިލީޓަރުގެ ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ މުޙައްމަދު ރިޝްފާން އާއި ޙުސައިން ޝިޔާން 15 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް އަމުރުކޮށް، ޙައްވާ ސިމާނާ 5 ދުވަހުގެ މުއްދަތަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.
މިމައްސަލަ އާއި ގުޅޭ އިތުރު ތަފްސީލު ހާމަކޮށްފައި ނުވާއިރު، ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.



