އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ޔަޤީންކުރުމަށްޓަކައި، އެ ސިޓީގެ ސެންޓްރަލް ޕަވަރ ސްޓޭޝަން (ސީޕީއެސް) އަށް ގެނެވުނު 1.8 މެގަވޯޓުގެ އައު ޖެންސެޓް އިންސްޓޯލްކޮށް، ޚިދުމަތް ދޭން ފަށައިފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފައިވާ ގޮތުގައު މި އާ ޖެންސެޓް އިންސްޓޯލްކުރެވިފައި ވަނީ ހިތަދޫއާއި ގުޅިފައިވާ ރަށްރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ސެންޓްރަލް ޕަވަރ ސްޓޭޝަނުގައި ބޭނުންކުރަމުންދިޔަ ޖެނެރޭޓަރު ސެޓްތަކަށް ދިމާވެފައިވާ މައްސަލަތަކާ ގުޅިގެންނެވެ.
ކުރިން ބޭނުންކުރަމުންދިޔަ ޖެނެރޭޓަރު ސެޓްތަކުގެ ތެރެއިން 3 ޖެނެރޭޓަރު ސެޓަށް މައްސަލަތައް ދިމާވެފައިވާއިރު، އިތުރު އެއް ޖެނެރޭޓަރު ސެޓް ވަނީ މަރާމާތު ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.
މި މައްސަލަތަކާ ގުޅިގެން އައްޑޫ ސިޓީގެ ރަށްރަށަށް ބޭނުންވާ ވަރަށް ކަރަންޓު އުފެއްދުމުގައި ދަތިތަކެއް ދިމާވެފައިވާތީ، އެ މައްސަލަ ހައްލުކުރުމަށްޓަކައި ފެނަކައިން މި އާ ޖެންސެޓް އައްޑޫއަށް ފޮނުވައި ހިދުމަތް ދޭން ފަށާފައިވާއިރު މިއީ ސްޓެލްކޯއާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ހޯދާފައިވާ ޖެނެރޭޓަރެއް ކަމަށް ފެނަކައިން ކުރިން ބުނެފައިވެއެވެ.
ހަމައެެއާއިއެކު ރަމަޟާން މަހަކީ ކަރަންޓުގެ ބޭނުންކުރުން އިތުރުވާ މަހެއްކަން ފާހަގަކޮށް ފެނަކައިން ބުނީ، އައްޑޫގައި ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކާޢުތަކާ ގުޅިގެން ކަރަންޓަށް ބޭނުންވާ މިންވަރު އިތުރުވަމުންދާ ކަމަށެވެ.
އެހެންކަމުން، މި ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، އައްޑޫ ސިޓީގެ ކަރަންޓުގެ ދާއިމީ ޙައްލަކަށް މަސައްކަތްތަކެއް ކުރަމުންދާކަން ހާމަކޮށް ފެނައިކައިން ބުނީ އެކުންފުނީގެ އަމާޒަކީ ދެ އަހަރުގެ ތެރޭގައި މިމަސައްކަތްތައް ނިންމުން ކަމަށެވެ.



