ހައްދުންމަތީ ގަމުގެ އިޚްތިޞާޞްގައި އެ އަތޮޅު ބޮޑުފިނޮޅު ހިމެނުއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މި ނިންމެވުމަކީ ދިވެހިރާއްޖޭހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ނިންމަވާފައިވާ ނިންމެވުމެކެވެ.
މި ޤާނޫނުގެ ދަށުން ރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚްތިޞާޞް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހަވާލުކުރެވިފައެވެ.
ރައީސް މުޢިއްޒުގެ މި ނިންމެވުމާ ގުޅިގެން، ގަމުގެ އިޚްތިޞާޞަށް ގެނެވުނު ބަދަލު ދައްކުވައިދޭ ޗާޓެއް ވަނީ ޤަރާރާއެކު ޖަދުވަލު ކުރެވިފައެވެ. އަދި މި ޤަރާރު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެވިފައެވެ.
މީގެ ކުރިން، މި މަހުގެ 18 ވަނަ ދުވަހު ވެސް ރައީސް ޑރ. މުޢިއްޒު ވަނީ މާޅޮސްމަޑުލު އުތުރުބުރީގެ ދެ ރަށެއްގެ އިޚްތިޞާޞްއަށްވެސް ބަދަލު ގެންނަވާފައެވެ. އެގޮތުން، މާޅޮސްމަޑުލު އުތުރުބުރީ ”އުފުލަންދޫ“ އަކީ އެ އަތޮޅު މަޑުއްވަރީގެ ބައެއްކަމަށާއި، އަދި މާޅޮސްމަޑުލު އުތުރުބުރީ ”ތާވަތާ“ އަކީ އެ އަތޮޅު މީދޫގެ ބައެއް ކަމުގައި އެމަނިކުފާނު ވަނީ ކަނޑައަޅުއްވާފައެވެ.



