ސަރުކާރުން ހަދިޔާ ކުރާ މަސްދަޅުބަހަން ޓޯކަން ދޫކުރުމަށްޓަކައި ”ރޯދަ ހަދިޔާ“ ގެ ނަމުގައި ޚާއްސަ ޕޯޓަލެއް ތަޢާރަފުކޮށްފިއެވެ.
ސިޓީސް އެންޑް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ”ރޯދަ ހަދިޔާ“ ޕޯޓަލް ތަޢާރަފުކޮށްފައިވާކަން އިއުލާނު ކުރައްވައި، އެ ޕޯޓަލްގެ ލިންކު ހިއްސާ ކުރައްވާފައެވެ.
އަދި މިއަދު ހަވީރު 6:00 އިން ފެށިގެން އެ ޕޯޓަލް މެދުވެރިކޮށް މަސްދަޅުކޭސް ބަލައިދާން ޓޯކަން ނަންބަރު ދޫކުރަން ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ މަސްދަޅުކޭސް ރައްޔިތުންނަަށް ފޯރުކޮށްދިނުމުގައި، ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައި ދިނުމުގެ ގޮތުން މިއަދުން ފެށިގެން މާލެ ސަރަހައްދުގައި މަސްދަޅުކޭސް ބެހުމުގެ އިންތިޒާމުތަކަށް ބަދަލުތަކެއް ގެނެވިފައިވާ ކަމަށް މިއަދު ހެނދުނު މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އިން ވަނީ އިއުލާނު ކުރައްވާފައެވެ.
އެގޮތުން މިދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރެއް ކަމަށްވާތީ، މަސްދަޅުކޭސް ދޫކުރުމުގެ ކަންކަން ކުރިއަށް ދާނީ ރޭގަނޑު 8:00 އިން 12:00 އަށް ކަމުގައި އެމިނިސްޓްރީން ބުނެފައިވެއެވެ.
މީގެއިތުރުން ކިޔުގައި ގިނަވަގުތު ހުންނަން ނުޖެހޭނެހެން އޮންލައިން ނިޒާމެއްގެ ތެރެއިން ޓޯކަން ނެގޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ބުނެފައިވެއެވެ.
މަސްދަޅުކޭސް ދޫކުރުމަށް ހަމަޖެހިފައިވާ މަރުކަޒުތަކާއި ތަފްސީލު:
° މިފްކޯ ކޮމްޕްލެކްސް (މާފަންނު) – 200 ޓޯކަން
° އެމް.ޓީ.ސީ.ސީ ސޯމިލް 200 ޓޯކަން
° ހެންވޭރު ދަނޑު 100 ޓޯކަން
° ގަލޮޅު ދަނޑު ސެޓަޕް 1 – 50 ޓޯކަން
° ގަލޮޅު ދަނޑު ސެޓަޕް 2 – 50 ޓޯކަން
° ގަލޮޅު ދަނޑު ސެޓަޕް 3 – 50 ޓޯކަން
° ގަލޮޅު ދަނޑު ސެޓަޕް 4 – 50 ޓޯކަން
° ސޯޝަލް ސެންޓަރު – 100 ޓޯކަން
° ވިލިމާލެ ވެމްކޯ ސައިޓް – 100 ޓޯކަން
° ހުޅުމާލެ އުމަރު ޒާހިރު ބިލްޑިންގ – 100 ޓޯކަން
° ހުޅުމާލެ ޕޮލްކޯ ޓަވރ (ސީ ބްލޮކް) – 100 ޓޯކަން
° ހުޅުމާލެ ހިޔާ ޓަވަރު 10 – 100 ޓޯކަން
° ހުޅުމާލެ ކާމިލްދީދި ޕްރީސްކޫލް – 100 ޓޯކަން



