މިއަހަރުގެ ރަމަޟާން މަސަ ހޫނު މޫސުމާ ދިމާވާތީ އިތުރުވާ ކަރަންޓް ކެޕޭސިޓީއާ އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށް ސްޓެލްކޯއިން އިތުރު ޖަނަރޭޓަރތަކެއް އިންސްޓޯލްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ސްޓެލްކޯ އިން ކުރިއަށްގެންދާ މި މަސައްކަތާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން ފަހުމީ ވިދާޅުވީ، ރަމަޟާންމަހު ގޭބީސީތަކުން ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވަމުން އަންނަކަމަށާއި އެގޮތުން މިދިޔަ އަހަރުގެ ރަމަޟާންމަހު ޕީކްގައި 114 މެގަވޯޓަށް ކަރަންޓް ބޭނުންކޮށްފައިވާކަމަށެވެ. އަދި މިއަހަރު އެ ކުންފުނިން އަންދާޒާކުރަނީ ޕީކް ގަޑިތަކުގައި 132 މެގަވޯޓަށް ކަރަންޓް ބޭނުންކުރާ މިންވަރު އަރައިގެންދާނެ ކަމަށް ކަމުގައި ވެސް އެމްޑީ ފަހުމީ ވިދާޅުވިއެވެ.
އެހެންކަމުން މިއީ 17 މެގަވޮޓްގެ އިތުރުވުމެއްކަން ފަހުމީ ފާހަގަކުރެއްވިއެވެ.
މިކަމަށް ސްޓެލްކޯއިން މިހާރު ތައްޔާރުވަމުން އަންނަކަމަށާއި އަދި މި މަސައްކަތް ރަމަޟާންމަސް ފެށުމުގެ ކުރިން ނިމޭނެކަން ސްޓެލްކޯގެ އެމްޑީ ވިދާޅުވިއެވެ.
އެގޮތުން މިކަމަށް ބޭނުންވާ ޓްރާންސްފޯމަރާއި، އިންޖީނާއި ކޭބަލް މިހާރު އެ ކުންފުންޏަށް ލިބިފައިވާކަމަށް އެމްޑީ ވިދާޅުވިއެވެ.
ކުރިއަށްއޮތް 8 ވަރަކަށް ދުވަހުގެ ތެރޭގައި އިންޖީނުތައް އިންސްޓޯލްކޮށް ޚިދުމަތްދޭން ފެށޭނެކަމަށެވެ. މި ރޯދަމަހު ކެޕޭސިޓީ ނެތިގެން ކަރަންޓް ކަނޑާލާކަށް ނުޖެހޭނެކަމުގެ ޔަޤީންކަން ފަހުމީ ވަނީ ދެއްވާފައެވެ.



