ހިތުގެ ބަލިތައް ޖެހުމުގެ ކުރިން އަލާމާތްތައް ދެނެގަނެ، އެ ބަލިތަކުން ރައްކާތެރިވުމަށް އަވަހަށް ފިޔަވަޅު އެޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.
މިއަދު ފެށުނު ”ހީމޯޑަޔަލިސިސް ކޮންފަރެންސް“ ގެ އިފްތިތާހީ ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ޝާހު ވިދާޅުވީ މި ކޮންފަރެންސަކީ ހިތުގެ އެކި ބަލިތަކަށް ރާއްޖޭގައި ދެވޭ ފަރުވާ ހަރުދަނާކުރުމުގެ މަޤްޞަދުގައި ބޭއްވޭ ކޮންފަރެންސެއް ކަމަށެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ ހޮސްޕިޓަލްތަކުން ގިނަ އަދަދެއްގެ ދިވެހިން ފަރުވާ ހޯދަމުން އަންނަކަން ފާހަގަކުރައްވާ ޑރ. ޝާހު ވިދާޅުވީ އެ ގްރޫޕުގެ ހޮސްޕިޓަލްތަކުން ދެވޭ ފަރުވާގެ ފެންވަރު ހަރުދަނާކުރުމަށް ޚާއްޞަ އިސްކަމެއް ދެމުންދާ ކަމަށެވެ. އެގޮތުން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމާއެކު މުވައްޒަފުން ތަމްރީނުކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ މުހިންމުކަން ޑރ. ޝާހު ފާހަގަކުރެއްވިއެވެ.
ނަމަވެސް، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ ޚަރަދުތަކެއް ހިނގާކަން ހާމަކުރައްވާ ޑރ. ޝާހު ވިދާޅުވީ އެހެންކަމުން، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް ކަމަށެވެ.
”ހަމައެކަނި ފެންވަރު ރަނގަޅު ޓެކްނޮލޮޖީ ބޭނުންކުރުމާއި މުވައްޒަފުން ތަމްރީނުކުރުމަކރުމަކުން ނުފުދޭނެ. ފަރުވާ ދިނުމަށް އެކަށޭނަ އިމާރާތްތައް ބިނާކުރުމާއި، ހަރުދަނާ ޑޭޓާ ނިޒާމެއް ޤާއިމުކުރުން ވެސް މުހިންމު. އޭރުން ހިތުގެ ބަލިތައް ހުންނަ މީހުންނަށް ދިމާވާ އެކި ކަންކަން ދެނެގަނެވޭނެ،“ ޑރ. ޝާހު ވިދާޅުވިއެވެ.
މި މަހުގެ 22 އިން 25 އަށް ކުރިއަށްދާ މި ކޮންފަރެންސްގައި ހީމޯޑަޔަފިލްޓްރޭޝަން ފަރުވާއާއި، ކިޑްނީ ޓްރާންސްޕްލާންޓް، އަދި ކެންސަރާ ބެހޭ ގޮތުން މަޝްވަރާކޮށް މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައިވާއިރު، މި ކޮންފަރެންސްގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިތުރުން، އޭޑީކޭ އަދި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވެއެވެ.




