މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމް.އޯ.ސީ) އާއި އޭޝިއަން ހޭންޑްބޯލް ފެޑެރޭޝަންގެ ޖެނެރަލް ސެކްރެޓެރީ މުހައްމަދު ޝަފީޤް ބައްދަލުކުރައްވައިފިއެވެ.
އެމް.އޯ.ސީގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ހޭންޑްބޯލް މޯލްޑިވްސްގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންފައިވާއިރު، މިބައްދަލުވުމުގައި ރާއްޖޭގައި ހޭންޑްބޯލް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގައި ރާއްޖޭގައި ބީޗް ހޭންޑްބޯލް މުބާރާތެއް ބޭއްވުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާއިރު، އެމް.އޯ.ސީއިން ވަނީ ރާއްޖޭގައި މި މުބާރާތް ބޭއްވުމަށް އެހީތެރިކަން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މިކަމަކީ ރާއްޖޭގެ ހޭންޑްބޯލް އެހެން ހަރުފަތަކަށް ގެންދިއުމަށް ލިބޭ ރަނުގެ ފުރުސަތެއްގެ ގޮތުގައި އެމް.އޯ.ސީއިން ބުނެފައިވެއެވެ.
މިބައްދަލުވުމުގައި ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ ވިދާޅުވީ ބީޗް ހޭންޑްބޯޅައަކީ މިހާރު ރާއްޖޭގައި ކުރިއަރަމުން އަންނަ ކުޅިވަރެއް ކަމަށާއި، ހުނަރުވެރި ކުޅުންތެރިންތަކެއް ރާއްޖޭގައި އުފެދެމުން އަންނަ ކަމަށެވެ. އަދި މިކުޅިވަރަކީ އޮލިމްޕިކްސްގައިވެސް ކުޅޭ ކުޅިވަރެއްކަމުން ރާއްޖެއިން މި ކުޅިވަރުގައި ބައިވެރިވެ މެޑަލެއް ހޯދިދާނެ ކަމަށް ޤަބޫލުކުރައްވާކަމަށްވެސް މުޖުތަބާ ވިދާޅުވިއެވެ.
ކޮމަންވެލްތުގެ ޤައުމުތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް ރާވާފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.




