ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ދޭ ރޯދަ ހަދިޔާ ގެ ދެއްވާ މަސްދަޅު ކޭސްތައް ބެހުމުގެ މަސައްކަތުގައި ސްޓެލްކޯގެ މުވައްޒަފުންވެސް ބައިވެރިވަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ މަސްދަޅުކޭސް ބެހުމަށް ސަރުކާރުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ތެރެއިން ކިއުގެ ތަކުލީފު ވީހާވެސް ކުޑަވާނެ ގޮތަކަށް އިންތިޒާމުކުރެވި ރޭވިފައިވާ ރޭވުންތަކުގެ ތެރެއިން ސްޓެލްކޯގެ މުވައްޒަފުންވެސް ސަރުކާރުގެ ޓީމުތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ސްޓެލްކޯގެ މުވައްޒަފުން މަސައްކަތް ކުރަމުންދަނީ މަސްދަޅު ކޭސް ބެހުމަށް ހާއްސަކޮށްފައިވާ އެއް ސަރަހައްދު ކަމަށްވާ ޕޮލްކޯ ޓަވަރ (ސީބްލޮކް) ސަރަހައްދުގައި ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ. އަދި މިފަދަ ކަންކަމުގައި ސްޓެލްކޯގެ މުވައްޒަފުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށް ފަހުމީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މަސްދަޅު ކޭސް ބެހުމުގެ ކަންކަން އިތުރަށް ފަސޭހަ ކުރުމުގެ ގޮތުން، ދޫކުރާ ޓޯކަން ނަންބަރުތަކުގެ އަދަދުވެސް މިރެއިން ފެށިގެން އިތުރުކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ މިއަދު އިއުލާނު ކުރައްވާފައެވެ.
މިދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރު ކަމަށްވާތީ، ދިގު ކިޔުއެއްގައި ނުތިބެ ރައްޔިތުންނަށް ފަސޭހަކަމާއެކު މަސްދަޅުކޭސް ލިބޭނެ އިންތިޒާމުތަކެއްވެސް ސަރުކާރުން ވަނީ ހަމަ ޖައްސާފައެވެ.
އެގޮތުން މަސްދަޅުކޭސް ބެހުން ހަމައެކަނި ރޭގަނޑު ގަޑިއަށް ބަދަލުކުރުމުގެ އިތުރުން ޓޯކަން ނަންބަރު ދޫކޮށްގެން މަސްދަޅުކޭސް ބެހުމަށްޓަކައި ”ރޯދަ ހަދިޔާ“ ގެ ނަމުގައި ޚާއްސަ ޕޯޓަލެއް ވެސް އިއްޔެ ވަނީ ސަރުކާރުން ތަޢާރަފުކޮށްފައެވެ.
މިކަމާ ގުޅޭގޮތުން ސިޓީސް އެންޑް ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރޯދަ ހަދިޔާ ދޫކުރުން ރޭގައި ވަރަށް އޮމާން އަދި ފަސޭހަ އިންތިޒާމުތަކެއްގެ ތެރެއިން ކުރިއަށް ގެންދެވުނު ކަމަށެވެ.



