ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދު ކޮށްފައިތިބި ބިދޭސީންތަކެއް، ކާނާ ވިހަވެގެން ރޭ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހު މިއަދު ދޫކޮށްލައިފިއެވެ.
ކާނާ ވިހަވެގެން ފަރުވާ ދިނުމަށް ރޭ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މުޅިއަކު 19 ބިދޭސީންނެވެ. އެއީ 16 ފިރިހެނުންނާއި 3 އަންހެނުންނެވެ.
އެމީހުން ކާނާ ވިހަވީ ކޮން ކާނާއަކުން ކަމެއް، ކިހިނެއް ކަމެއް، އަދި ދެނެގަނެވިފައެއް ނުވެއެވެ.
ހޮސްޕިޓަލަށް އެމީހުން ރޭގައި ގެންދިޔަ ވަގުތު ފުލުހުން ވަނީ އެ ސަރަހައްދުގައި ކޯޑަން ދަމައި، ސަރަހައްދު ބަންދު ކޮށްފައެވެ.
ނަމަވެސް މި މައްސަލަ ބަލަމުންގެންދާ ކަމަށް ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ވަނީ ބުނެފައެވެ.
ހުޅުމާލޭ ޑިޓެންޝަން ސެންތަރުގައި އާންމުކޮށް ބައިތިއްބާފައި ތިބެނީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނެވެ. އެމީހުން އެތަނުގައި ބައިތިއްބަނީ އަނބުރާ ޤައުމަށް ފޮނުވާލެވެންދެނެވެ.




