މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މިދިޔަ ހަފްތާގައި 302 މަސްދޯންޏަކަށް 27.1 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ ހަފްތާގައި މަސް ކިރުވި ދޯނިތަކުގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން ހުސްވި ހަފްތާގައި 218 ދޯންޏަކުން މަސް ކިރުވާފައިވާއިރު، މިދިޔަ ހަފްތާ 302 ދޯންޏަކުން ވަނީ މަސް ކިރުވާފައެވެ.
މިފްކޯއިން ވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާގައި 31.3 މިލިޔަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައެވެ. އަދި، މިމަހުގެ މިހާތަނަށް ޖުމްލަ 97.3 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.
ވޭތުވެދިޔަ އަހަރުގެ ޑިސެންބަރު މަހާ އަޅާބަލާއިރު މިއަހަރުގެ ޖަނަވަރީ މަހު މަސްވެރިންނަށް ދޫކުރެވުނު ފައިސާގެ އަދަދު 122 އިންސައްތަ އިތުރުވެފައިވާއިރު މިފްކޯއިން ވަނީ މިއަހަރުގެ ޖަނަވަރީ މަހު 117 މިލިޔަން ރުފިޔާ އަދި، ޑިސެންބަރު މަހު 52 މިލިޔަން ރުފިޔާ ދޫކޮށްފައެވެ.
މީގެއިތުރުން، މިމަހުގެ 12 ވަނަ ދުވަހަކީ ފަހުގެ ތާރީޚެއްގައި އެންމެ ގިނަ އަދަދަކަށް މަސް ކިރުވުނު ދުވަސްކަން ހާމަކޮށް މިފްކޯއިން ބުނީ އެދުވަހު 546 ޓަނުގެ މަސް ކިރާ، 48 ދޯންޏަކަށް 7.6 މިލިޔަން ރުފިޔާ ދޫކުރެވިފައިވާ ކަމަށެވެ.
މީގެއިތުުރަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމުންދާކަން ފާހަގަކޮށް މިފްކޯއިން ބުނީ މި އާ އުސޫލާ ގުޅިގެން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.



