ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުތަކުގެ ހަތަރު ޓަވަރެއްގައި އިތުރަށް ހަރުކުރާ ލިފްޓުގެ މަސައްކަތް އޭޕްރިލް މަހު ނިމޭނެ ކަމަށް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ހިޔާ ފްލެޓުގެ 16 ޓަވަރުގައި އިތުރަށް ދެ ލިފްޓް ހަރުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި އޭގެ ތެރެއިން ހުރިހާ ޓަވަރެއްގައި ފައުންޑޭޝަން އަޅައި، ދެން ހުރި ކަންކަން ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން އެންމެ ފުރަތަމަ ނިމޭނީ އެޗް1 ން އެޗް4 އަށް ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތް އަންނަ އޭޕްރީލް މަސް ނިމުމުގެ ކުރިން ފުރިހަމަކުރެވޭނެ ކަމަށެވެ.
ނަމަވެސް ބާކީ ހުރި ޓަވަރުތަކުގެ މަސައްކަތް ނިމޭނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 25 ބުރީގެ ހިޔާ ފްލެޓްތަކުގައި ލިފްޓް މަދުވުމުގެ ސަބަބުން މައްޗަށް އަރައި ފޭބުމަށް ދަތިވުމުގެ ޝަކުވާ ގިނަ ރައްޔިތުން ކޮށްފައިވެއެވެ. އެހެންކަމުން ލިފްޓް ހަރުކުރަން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާ ހަވާލުކުރި އެވެ.




