ދ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ) އާ ހަވާލުކޮށް، މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، ދ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް އެޅުމުގެ މަސައްކަތް އާރްޑީސީ އާއި ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރ އަޙްމަދު ޤާސިމް ސޮއިކޮށްފައިވާއިރު، އާރްޑީސީގެ ފަރާތުން ސޮއިކޮށްފައި ވަނީ އެކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަސްބާހް އަލީ ނަސީރެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ ޤާސިމް ވިދާޅުވީ، މި އައު އިމާރާތް ނިމި ޚިދުމަތް ދޭން ފެށުމުން، ޖާގައިގެ ދަތިކަން ޙައްލުވެ، ހޮސްޕިޓަލުން ދޭންޖެހޭ އެންމެހައި ޚިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދެވޭނެ ކަމަށާއި މީގެ ސަބަބުން އެ ސަރަޙައްދުގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ލިބިގަތުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.
ދ. އަތޮޅު ހޮސްޕިޓަލްގެ އިމާރާތުގައި ފްލޫ ކްލިނިކަކާއި އައިސޮލޭޝަން ފެސިލިޓީއެއްގެ އިތުރުން ހަކަތައިގެ ޚަރަދު ކުޑަކުރުމަށް ސޯލާ ޕީވީ ސިސްޓަމެއް ހަރުކުރެވޭނެއެވެ. މީގެއިތުރުން، ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަނާއި މެޑިކަލް އެއަރ ލިބޭނެ ގޮތް ހަދައި، ޕަވަރ ބެކަޕް ސިސްޓަމެއްވެސް ޤާއިމްކުރެވިގެންދާނެއެވެ.
މީގެ އިތުރުން، ވޭސްޓް މެނޭޖްމަންޓް ސިސްޓަމާއި، ހޮސްޕިޓަލް ގްރޭޑް އިންޑަސްޓްރިއަލް ލޯންޑްރީ ސެޓަޕެއް ޤާއިމްކުރެވުމުގެ އިތުރުން، މެމޮގްރަފީގެ ޚިދުމަތާއި ޑެންޓަލް އޯޕީޖީ، އަދި ކަށީގެ ފަރުވާއަށް ޚާއްޞަ އޯތޯ-ތިއޭޓަރެއްވެސް ގާއިމު ކުރެވިގެންދާނެއެވެ.
މިމަޝްރޫއަށް 181 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭއިރު، މިމަޝްރޫއު ނިންމުމަށް ހަަމަޖެހިފައި ވަނީ 540 ދުވަހުގެ ތެރޭގައެވެ.




