ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުގެ ތެރޭގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެއް މިލިއަން ގަސް އިންދުމަށް ނިންމައި، މިއަދު ޕްލެޖްގައި ސޮއިކޮށްފިއެވެ.
ކުޑަގިރީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެއް މިލިއަން ގަސް އިންދުމުގެ ޕްލެޖްގައި ސޮއިކުރެއްވީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މަޢުރޫފް ޖަމީލެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީ މަޢުރޫފް ވިދާޅުވީ، މިއީ އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަށްތައް ފެހިކުރުމާއެކު، ރައީސް މުޢިއްޒުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.
މި ޕްރޮގްރާމުގެ ދަށުން އިންދާ ގަސްތައް ހެއްދުމަށްޓަކައި އެޗްޑީސީން ލ. ގަމުގައި އެއްލައްކަ އަކަފޫޓުގެ ނާސަރީއެއް ގާއިމްކުރުމަށް ނިންމާފައިވާއިރު، މި ނާސަރީގައި ހައްދާ ގަސްތައް ބޭނުންކުރާނީ ހުޅުމާލެ، ރަސްމާލެ، ކުޑަގިރި، ތިލަފުށި އަދި ގުޅީފަޅު ފަދަ އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަށްތަކުގައި އިންދުމަށް ކަމަށް މައުރޫފް ވިދާޅުވިއެވެ.
މައުރޫފް އިތުރަށް ވިދާޅުވީ އެޗްޑީސީގެ އަމާޒަކީ އެކޯޕަރޭޝަންގެ ދަށުގައި އޮތް ހުރިހާ ރަށްތަކަކީވެސް ހިތްފަސޭހަ، ފެހި މާހައުލަކަށް ހެދުމެވެ. މި ޕްރޮގްރާމާއެކު ހުޅުމާލެ ހިމެނޭހެން އެޗްޑީސީގެ ބެލުމުގެ ދަށުގައި އޮތް ރަށްތައް ފެހިކުރުމަށް ހިފާފައިވާ އަމާޒަށް ވާސިލުވުމަށް މަގުފަހިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



