ދ.އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތުގެ ބިންގާ އަޅައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅެއްގެ ތެރެއިން މިއަދު ކުޑަހުވަދޫއަށް ވަޑައިގެން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރެވެ.
ދ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ) އާ ހަވާލުކޮށް، މިއަދު އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، މި އައު އިމާރާތް ނިމި ޚިދުމަތް ދޭން ފެށުމުން، ޖާގައިގެ ދަތިކަން ޙައްލުވެ، ހޮސްޕިޓަލުން ދޭންޖެހޭ އެންމެހައި ޚިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދެވިގެންދާނެއެވެ.
ހޮސްޕިޓަލްގެ އިމާރާތުގައި ފްލޫ ކްލިނިކަކާއި އައިސޮލޭޝަން ފެސިލިޓީއެއްގެ އިތުރުން ހަކަތައިގެ ޚަރަދު ކުޑަކުރުމަށް ސޯލާ ޕީވީ ސިސްޓަމެއް ހަރުކުރެވޭނެއެވެ. މީގެއިތުރުން، ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަނާއި މެޑިކަލް އެއަރ ލިބޭނެ ގޮތް ހަދައި، ޕަވަރ ބެކަޕް ސިސްޓަމެއްވެސް ޤާއިމްކުރެވިގެންދާނެއެވެ.
ހަމައެއާއިއެކު، ވޭސްޓް މެނޭޖްމަންޓް ސިސްޓަމާއި، ހޮސްޕިޓަލް ގްރޭޑް އިންޑަސްޓްރިއަލް ލޯންޑްރީ ސެޓަޕެއް ޤާއިމްކުރެވުމުގެ އިތުރުން، މެމޮގްރަފީގެ ޚިދުމަތާއި ޑެންޓަލް އޯޕީޖީ، އަދި ކަށީގެ ފަރުވާއަށް ޚާއްޞަ އޯތޯ-ތިއޭޓަރެއްވެސް ގާއިމު ކުރެވިގެންދާނެއެވެ.
މިމަޝްރޫއަށް 181 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭއިރު، މިމަޝްރޫއު ނިންމުމަށް ހަމަޖެހިފައި ވަނީ 540 ދުވަހުގެ ތެރޭގައެވެ.




