ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުޑަހުވަދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ރަށުގެ ގިނަ ރައްޔިތުންގެ ދުވަސްވީ އުންމީދުތަކެއްގައި ހަޤީޤީ ކުލަޖެހިގެންދާނެ ދަތުރުފުޅެއްކަމުގައި ކުޑަހުވަދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ކައުންސިލުން މިފަދައިން ވިދާޅުވެފައިވަނީ މިއަދު ހަވީރު ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައި ރައީސް ޑރ. މުޢިއްޒު، ކުޑަހުވަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ އަދި ކުޑަހުވަދޫގެ ބައެއް މުއައްސަސާތަކުގެ ވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި ރައީސްގެ މި ދަތުުރުފުޅަކީ މި ހިނގާ ރިޔާސީ ދައުރުގައި ރައީސް ކުޑަހުވަދޫއަށް ކުރައްވާ 3 ވަނަ ދަތުރުފުޅުކަން ފާހަގަކުރައްވާ ކައުންސިލުން ވިދާޅުވީ ޤައުމު ތަރައްޤީކުރުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުތަކަށް ތާއީދުކުރައްވާކަންވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.
ކައުންސިލުން އެދިވަޑައިގަތީ މި ދަތުރުފުޅުގެ ތެރެއިން ފެށިގެންދާ މަޝްރޫޢުތަކަކީ ނުހުއްޓި ކުރިއަށްދާނެ މަޝްރޫޢުތަކެއްކަމުގައި ހައްދަވައިދެއްވުމަށެވެ. މީގެ އިތުރުން، ކުޑަހުވަދޫގައި އިންޑަސްޓްރިއަލް އޭރިއާއެއް ހެދުމާއި، މަސް ފެކްޓްރީއެއް ޤާއިމުކުރުމާއި، ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށްވެސް ކައުންސިލުން އެދިވަޑައިގަތެވެ.
ބައްދަލުވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ވަނީ ސަރުކާރުން އަންހެނުންގެ ތަރައްޤީއަށް ކުރައްވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސް ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެ ކަމަށާއި، އާބަން ސެންޓަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ރަށްތަކަށް ކޮށްދެއްވުމަށް ވަޢުދުވެވަޑައިގެންފައިވާ ކަންކަން ކުރިއަށްގެންދަވާނެ ކަމަށެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ ކުޑަހުވަދޫގައި އިމާރާތްކުރާ އައު ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި ކުޑަހުވަދޫގައި އަލަށް އިމި އަލަށް އިމާރާތްކުރާ ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމްގެ ބިންގާ އެޅުއްވުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.
ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކުޑަހުވަދޫގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ.



