މިދިޔަ ރަމަޟާން މަހެކޭ އެއްފަދައިން މި ރަމަޟާން މަހުވެސް ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ މިހާރު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
“ މިދިޔަ އަހަރު އއ. މަތިވެރީގައި ވާހަކަ ދައްކަމުން އަޅުގަނޑު ދެންނެވިން ކުރީ ރަމަޟާންމަހު ދިންގޮތަށް މި ރަމަޟާން މަހުވެސް ކަރަންޓާއި ފެންބިލުން ޑިސްކައުންޓް ދޭނަމޭ. ހަމަ އެކަން އެގޮތަށް ކުރިޔަށް ގެންދާނަން “ ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން ކޮށްދެއްވާ ކަންކަން ރައްޔިތުންނަށް އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން ހަޤީގަތާއި ހިލާފު ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. އަދި މިފަހަރު ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދެއްވާ މަސްދަޅު ކޭސްތަކާއި ބެހޭގޮތުންވެސް ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ބައެއް ފަރާތްތަކުން ވާހަކަ ފަތުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މަސްދަޅު ކޭސް ހަދިޔާ ކުރުމަށް ފަހު، އެކަމަށް ދިޔަ ހަރަދު ކަރަންޓު ބިލު މެދުވެރިކޮށް ނެގުމަށް ސަރުކާރުން ރާވަފައިވާ ކަމަށް ބުނެ ހަޤީގަތާއި ހިލާފު ވާހަކަތަކެއް ފަތުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ބައެއް ފަރާތްތަކުން ކަންކަމުގެ ހަޤީގަތް އޮޅުވާލުމަށް ދޮގުވާހަކަތައް ދައްކަމުން ދަނީ ހިތާމަކުރަންޖެހޭ މިންވަރަށް ކަމަށާއި، އެކަމާއި މެދު ހުރިހާ ރައްޔިތުންވެސް ވިސްނަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.



