ތިމާ ވާން ޖެހޭނީ ތިމާއަށް އިވޭ ވާހަކަތައް ކަނުލައި އަޑުއަހައި، އެކަމުގެ ތެދޮ ދޮގު ބަލާ މީހެއް ކަމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ދާލު އަތޮޅުގެ ރަށްތަކަށް އެ މަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ރޭ ކުޑަހުވަދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ކުރަމުންދާ ކަންކަމާއި ގުޅޭ ގޮތުން ބައެއް ފަރާތްތަކުން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށެވެ. އެގޮތުން ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ރައްޔިތުންނަށް ދެއްވާ މަސްދަޅު ކޭސް ބެހުމާއި ގުޅޭ ގޮތުންވެސް އެތައް ދޮގު މައުލާމަތު ތަކެއް ފަތުރަމުންދާ ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ރައްޔިތުންނަށް ދެއްވާ މަސްދަޅު ކޭސް ތަކުގެ ހަރަދު ރޯދަ މަހުގެ ކަރަންޓު ބިލުން ކަނޑާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދޮގު މައުލާމާތު ފަތުރަމުން ދަނިކޮށް ރައީސް ޑރ. މުއިއްޒު ވަނީ ކުރިޔަށް އޮތް ރޯދަ މަހުގެ ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓު ދެއްވާނެ ކަމަށް ރޭ ކުޑަހުވަދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިން އިއުލާނު ކުރައްވާފައެވެ.
ރައީސް އިތުރަށް ވިދާޅުވީ، ދޮގު ހަބަރު ފެތުރުމުގެ ނުބައިކަމާއި، ދޮގު ހަބަރު ރައްދުވެއްޖެ މީހާގެ އަމަލުތައް ބަހައްޓަންވީ ގޮތާމެދު، ކީރިތި ޤުރުއާނާއި ހަދީޘްފުޅުން އެނގެން އެބައޮތް ކަމަށެވެ. އެގޮތުން މީހަކު ދައްކާހާ ވާހަކައެއް ބަލައިލުމެއް ނެތި ގަބޫލުކުރުމާއިމެދު އިސްލާމްދީން އަންގަވާ ގޮތަށް އިޝާރާތްކުރަމުން ރައީސް ވިދާޅުވީ، ތިމާ ވާން ޖެހޭނީ ތިމާއަށް އިވޭ ވާހަކަތައް ކަނުލައި އަޑުއަހައި، އެކަމުގެ ތެދޮ ދޮގު ބަލާ މީހަކަށް ކަމުގައެވެ.
އަދި ކުރިޔަށް މިއޮތް ރަމަޟާން މަހު، ދޮގު ހެދުމާއި، ނެތިމޮށުމާއި، މީހުންގެ އަބުރަށް އަރައިގަތުން ފަދަ ވިހަ އާދަތަކުން ނަފްސުތައް ތާހިރު ކުރުމުގެ އަޒުމް ކަނޑައެޅުމަށް ރައީސް ޑރ. މުއިއްޒުގެ ވާހަކަފުޅުގައި އެ މަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ރައީސް ޑރ. މުއިއްޒު އިތުރަށް ފާހަގަ ކުރެއްވީ ޤައުމު ތަރައްޤީ އަކީ، ފިކުރީ ތަރައްޤީއާއި، ހިތާއި ސިކުނޑި އަދި ނަފްސުގެ ތަރައްޤީ ކަމަށެވެ.




