ފޯރުންތެރިކަން ނެތުމުގެ ސަބަބުން ދ. ކުޑަހުވަދޫގައި ގެ ނޭޅި ތިބި މީހުންނަށް ސަރުކާރުން ގެ އަޅައިދޭނެ ގޮތެއް ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރޭ ދެއްވައިފިއެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ ދ. އަތޮޅަށް އިއްޔެ ހަވީރު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި ކުޑަހުވަދޫއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކޮށް ރޭގައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހައުސިންގް ޔުނިޓު އެޅުމަށް ސަރުކާރުން ނިންމާފައިވާއިރު، ކުޑަހުވަދޫގައި ވެސް 500 ހައުސިންގް ޔުނިޓު އަޅަން ނިންމާފައިވެއެވެ.
ރައީސް މުޢިއްޒު ރޭގައި ވިދާޅުވީ ކުޑަހުވަދޫގެ ރައްޔިތުން ރުހި ގަބޫލުވާނަމަ އެ މަޝްރޫއުގެ ތެރެއިން ގެ ނޭޅި ތިބި މީހުންނަށް ވެސް ގޮތެއް ހޯދައިދެވޭނެ ކަމަށެވެ.
”އަޅުގަނޑުމެން މި 500 ހައުސިން ޔުނިޓް މަޝްރޫއުގެ ތެރެއިން ވަކި އަދަދެއް ކަނޑައަޅާނީ ތި ބޭފުޅުންގެ ގޯތީގައި ގެއެއް އަޅައިދޭން. އެ އަޅައިދޭން ކަނޑައަޅާ އަދަދު ކަނޑައަޅައިފައި ބާކީވާ އަދަދު އަޅުގަނޑުމެން ފްލެޓް މަޝްރޫއެއްގެ ގޮތުގައި އަޅާނީ“ ރައީސް ވިދާޅުވި އެވެ.
ކުޑަހުވަދޫގެ ތަރައްގީގެ ސިޔާސަތުގައި އެންމެ ފުރަތަމަ އިސްކަން ދީފައިވަނީ ގެދޮރުވެރިކަމަށްކަން ފާހަގަކުރައްވައި ރައީސް މުޢިއްޒު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް އެރަށަށް އިތުރު ހައުސިން މަޝްރޫއުތައް ގެނެވޭނެ ކަމަށެވެ.



