ދ. މާއެނބޫދޫ ސިއްހީ މަރުކަޒުން ދޭ ހިދުމަތް ފުޅާ ކުރުމަށް، އަލަށް އެޅި އެކްސްޓެންޝަން އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވައިފިއެވެ.
މި އިމާރާތް ރައީސް ޑރ. މުއިއްޒު ހުޅުވައިދެއްވީ މިހާރު ދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މާއެނބޫދޫ އަށް ވަޑައިގެންނެވެ. އިމާރާތް ހުޅުވައިދެއްވުމަށް ފަހު ރައީސް ވަނީ އެތަން ބައްލަވާލައްވާފައެވެ.
މާއެނބޫދޫގެ ސިއްހީ މަރުކަޒަށް އިތުރުކުރެވުނު އިމާރާތުގައި އާންމު ސިއްހީ ހިދުމަތާއި، ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތަކަށް ބޭނުންވާ ފަރުވާވެސް ލިބެން ހުންނާނެ ސިއްހީ މަރުކަޒާއި ހަވާލުވެ ހުންނެވި ފަރާތުން މައުލާމާތު ދެއްވިއެވެ. އަދި މާބަނޑު މީހުންނަށާއި ކުޑަކުދިންނަށް ހާއްސަ ކްލިނިކެއްވެސް އަލަށް މިއަދު ހުޅުވުނު އިމާރާތުގައި ވަނީ ޤާއިމު ކުރެވިފައެވެ.
ރައީސް ޑރ. މުއިއްޒު އިއްޔެ ހަވީރުން ފެށިގެން ދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަތުމުގެ މަޤްސަދުގައި ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. އެގޮތުން މިހާތަނަށް އެ މަނިކުފާނު ވަނީ އިއްޔެ ދ. ކުޑަހުވަދޫ ވަޑައިގެންފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި ދ. އަތޮޅުގެ ހުރިހާ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އެ ރަށްރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކޮށްލެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި ރަށްރަށުގެ ތަރައްޤީގެ ބައެއް މަޝްރޫއުތަށް ފައްޓަވައިދެއްވުމާއި، ނިމިފައިވާ ބައެއް މަޝްރޫތަށް ހުޅުވައިދެއްވުންވެސް ރައީސްގެ މި ދަތުރުފުޅުގައި ހަމަޖެހިފައިވެވެ.




