މިނިވަން މުއައްސަސާތަކާއި ޝަރުއީ ދާއިރާގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރަ ކުޑަކުރުމާ ގުޅޭގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވި ހުށަހެޅުއްވުމަށް މިވަގުތު އަމަލުކުރުމަކީ މިވަގުތު ކުރެދިވާނެ ކަމެއް ނޫންކަމަށް ރައީސަށް ލަފާ އެރުވުމަށް މިއަދު މަޖިލީހުން ފާސްކޮށްފިއެވެ.
މި މައްސަލަ ދިރާސާ ކުރި މާލިއްޔަތު ކޮމިޓީގެ ރިޕޯޓާ އެއްގޮތަށް، މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި 44 މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ މުސާރަ ކުޑަކުރުމަށް ނުފެންނަ ކަމަށް ލަފާ އެރުވުމަށް ފާސްކޮށްފައެވެ.
ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން، ބައެއް މުވައްޒަފުންގެ މުސާރަތައް ކުޑަކުރަން ރައީސް ވަނީ ނިންމަވާފައެވެ.
އެގޮތުން ރައީސް އިއުލާނު ކުރެއްވީ:
- ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 އިންސައްތަ އުނިކުރަން
- މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 އިންސައްތަ އުނިކުރަން
- ޝަރުއީ ދާއިރާގެ އިސްވެރިންގެ މުސާރައިން 10 އިންސައްތަ އުނިކުރުން
- މެންބަރުންގެ މުސާރައިގެ 10 އިންސައްތަ އުނިކުރުން
- ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ގިނަވެގެން ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުން
- ރައީސްގެ މުސާރައިގެ 50 އިންސައްތަ ނުނަންގަވަން ނިންމެވުން
މާލިއްޔަތު ކޮމިޓީން ވަނީ މި ބަދަލުތައް ގެނައުމުގެ ކުރިން، ކަމާގުޅޭ ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްފަހު އަލުން ހުށަހެޅުއްވުމަށް ލަފާދީފައެވެ.



