ސަރުކާރުން މަޝްރޫޢުތައް ހިންގުމަށް ރާވާފައިވަނީ އެންމެ ޚަރަދު ކުޑަކޮށް އަދި އެންމެ ރަނގަޅަށް ކަން ކުރެވޭގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު މާއެނބޫދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން ރައީސްގެ ވާހަކަފުޅުގައި، އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުން އެދޭ ގޮތަށް، ރައްޔިތުން އެދޭ އަމާޒަށް ކަންކަން ކުރައްވަން ކަމުގައި ވިދާޅުވިއެވެ. އެ ގޮތުން މާއެނބޫދޫއަށް ވަޑައިގެންނެވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އެ ރަށު ރައްޔިތުންނާއި ބައްދަލުކޮށްލައްވައި، އެ ރަށު ރައްޔިތުންނަށް މިހާރަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ބިންހިއްކުމުގެ މަޝްރޫޢުގެ ޔަޤީންކަން ދެއްވުން ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އީ.އައި.އޭ ފާސްވުމާއެކީގައި ޢަމަލީ ގޮތުން ބިން ހިއްކުމުގެ މަސައްކަތް ފެށޭނެ ކަމަށާއި އެއާއެކު އެ މަޝްރޫޢުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންގޮސް، ރިޔާސީ އިންތިޚާބުގައި ވަޢުދުވެވަޑައިގެންނެވި ގޮތަށް، 30 ހެކްޓަރުގެ ބިން ހިއްކާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ރައްޔިތުން ބޭނުންފުޅުވެވަޑައިގެންނެވި ގޮތަށް އޭގެ ތެރެއިން ދެ ހެކްޓަރު ވަކިން، ވަކި ރަށެއްގެ ގޮތުގައި ހިއްކައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ ކޮންސެޕްޓަކީ ކުރީގައި ހިނގާ ގޮތަށް ކަންކަން ގެންދިއުމެއް ނޫން. ކުރީގައި ފެށިފައިހުރި މަޝްރޫޢުތައް ފެށިފައިހުރީ ސަބްބޭސް އަޅާނީ ވަކި ކުންފުންޏަކުން، ޓަރފް އަޅާނީ ވަކި ކުންފުންޏަކުން، ލައިޓު ޖަހާނީ އެހެން ބަޔަކު، ރޮސްޓްރަމް ހަދަންޏާ ހަދާނީ އެހެން ބަޔަކު. އެގޮތަކަށް ނުކުރާނެ އަޅުގަނޑުމެންނެއް. އަޅުގަނޑުމެން އެކަން ކުރެވޭނެ އެންމެ ރަނގަޅުގޮތަށް ރާވާފަ، ސަރުކާރުގެ ކުންފުނިތަކުން އަދި ބަލްކުކޮށް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފުޓުބޯޅަ ދަނޑުތަކާ ފުޓްސަލް ދަނޑުތަކާ ނެޓްބޯލް ދަނޑުތަކާ، މި ހުރިހާތާކަށް ބޭނުންވާ ފެންސް، ލައިޓް، މި ހުރިހާ އެއްޗެއް ގެނައުމުގެ ކަންތައްވެސް އެންމެ ޚަރަދު ކުޑަކޮށް، އެންމެ އިފެކްޓިވްކޮށް ކުރެވޭގޮތަށް މިހާރު އެއޮތީ ރާވާފައި.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ސަރުކާރުން ކުރިއަށް ގެންދަވާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި، ރައްޔިތުންގެ މަޖިލީހުގައި އެ މަނިކުފާނު އިއްވި ރިޔާސީ ބަޔާނުގައި ދެންނެވި ފަދައިން، ހުރިހާ ރަށެއްގައިވެސް ހުއްޓިފައިހުރި މަސައްކަތްތައް އަލުންފެށިގެން ދާނެ ކަމަށާއި ފެބުރުވަރީ އަދި މާރޗު މަހުގެ ތެރޭގައި އެ ވަޢުދު އިރާދަކުރެއްވިއްޔާ ފުއްދަވާނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ރިޔާސީ އިންތިޚާބުގައި، މާއެނބޫދޫގެ ތަރައްޤީއަށް މައިގަނޑު ދެ ވަޢުދެއް ވެވަޑައިގެންފައިވާނެ ކަމަށާއި، އެ ގޮތުން، ބިންހިއްކުމާއި ކުޅިވަރުގެ ވަޞީލަތްތައް ޤާއިމުކުރުމުގެ އިތުރުން ތަޢުލީމާއި ޞިއްޙަތުގެ ދާއިރާއިންވެސް ސަރުކާރުން އެކި މަޝްރޫޢުތައް ކުރިއަށްގެންދަވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.




