ފިރިހެން ދަރިވަރަކު ގްރޫމް ކުރިކަމުގެ ތުހުމަތުގައި ދެކުނުގެ ރަށެއްގެ އަންހެން ޓީޗަރަކު ވަޒީފާއިން ވަކިކޮށްފިއެވެ.
މިދިޔަ މަހު ފެންމަތިވީ މި މައްސަލައިގައި ގްރޫމް ކޮށްފައިވަނީ ގްރޭޑް 8ގައި ކިޔަވަމުންދިޔަ ކުއްޖެއްކަމަށް އެނގިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެ ޓީޗަރު ވަޒީފާއިން ވަކިކޮށްފައުވަނީ އެޑިއުކޭޝަން މިނިސްޓްރީން އެ މައްސަލަ ބެލުމަށްފަހުގައެވެ. އަދި މި މައްސަލަ މިހާރުވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންކަން އެނގިފައިވެއެވެ.
ގްރޫމްކުރުމަކީ ޖިންސީ ގޯނާ ކުރުމުގެ ނިިޔަތުގައި ކުއްޖާގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައިގެން، ކުއްޖާ ހައްލާލަން މަސައްކަތް ކުރުމެވެ.
ޓީޗަރަކު ދަރިވަރުންތަކެއް ގްރޫމްކުރި މައްސަލައެއް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް ފެންމަތިވި އެވެ. ގިނަ ކުދިންތަކެއް ގްރޫމް ކުރި ކަމަށް ބުނާ އެ މައްސަލައިގައި ތުހުމަތުވާ ފިރިހެން ޓީޗަރު ހައްޔަރު ވެސް ކުރި އެވެ. އޭނާ މިހާރު ދޫކޮށްލާފައި ހުރި ނަމަވެސް، އޭނާގެ މައްޗަށް ދައުވާ ކުރުމަށް ވަނީ ފޮނުވާފައެވެ.


