ބަނޑިދޫ ބަނދަރުގެ ބޭރު ތޮށި ބަދަލުކުރުމުގެ މަސައްކަތާއި ބިންހިއްކުމުގެ ޢަމަލީ މަސައްކަތް، ލަސްވެގެން އަންނަ އަހަރު ފައްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން އިޢުލާންކުރެއްވީ، ދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ބަނޑިދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ބަނޑިދޫގައި މިވަގުތު އޮތް ޖާގައިގެ ދަތިކަމުގެ ސަބަބުން މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ކުރުން ނުރައްކާތެރި ބައެއް މަސައްކަތްތައް، އެހެން ސަރަޙައްދަކަށް ބަދަލުކުރަން ދަތިވެފައިވާކަން ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ ފައިބަރު މަސައްކަތާއި، ކުނި ކޮށި ފަދަ ތަންތަން އެހެން ސަރަޙައްދަކަށް ބަދަލުކުރެވޭނޭގޮތަށް ވިސްނަވައިގެން، އެ ރަށުގެ ބިން ބޭނުންކުރާ ގޮތުގެ ޕްލޭން މުރާޖަޢާ ކުރެއްވުމަށް ރަށު ކައުންސިލްގެ ފަރާތުން އެދިވަޑައިގެންފައެވެ. ކައުންސިލުން މި މަސައްކަތް ފުރިހަމަ ކުރެއްވުމާއެކު، އެ ޕްލޭންގައި ކުލަޖައްސައިދެއްވުމަށް ކަންކަން ބައްޓަން ކޮށްދެއްވުމުގެ މަސައްކަތް ފައްޓަވައިދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”ބިންހިއްކުމުގެ އިތުރުން، ރަށުގެ މަސްވެރިންނާއި އޮޑިވެރިން އެދޭ ގޮތަށް، ބަނޑިދޫ ބަނދަރުގެ ބޭރު ތޮށި ބަދަލުކޮށްދޭނަން. ޖާގަ އިތުރުކޮށްދިނުމުގެ މަސައްކަތްވެސް، ލަސްވެގެން އަންނަ އަހަރު ފަށާނަން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއީ ބޭކާރު ޚަރަދެއް ނޫންކަމަށާއި، ދުރު ރާސްތާއަށް ބަލާއިރުވެސް، އެ މަސައްކަތްވެގެންދާނީ ރަށަށްޓަކައި ކުރެވޭ ބޮޑު ވުނައަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މަސްވެރިކަމާއި އެ ނޫންވެސް ރަށުގެ ސިނާޢަތްތައް ކުރިއެރުވުމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނޭކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.



