ކުރިޔަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އދ. ދަނގެތީގައި 400 ކިލޯވޮޓުގެ އިތުރު ޖަނަރޭޓަރެއް ބަހައްޓާފައިވާ ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފިއެވެ.
ސްޓެލްކޯ އިން ބުނީ މި ޖަނަރޭޓަރު ބެހެއްޓިގެން ދިޔައީ މި އަހަރުގެ ޕީކް ސީޒަނަށާއި ރަމަޟާން މަހަށް ތައްޔާރު ވުމުގެ ގޮތުން އެ ކުންފުނިން ކުރަމުންދާ މަސައްކަތަތުގެ ތެރެއިން ކަމަށެވެ.
އަދި އެ ޖަނަރޭޓަރު ކޮމިޝަން ކުރެވި، މިހާރު ދަނގެތީގައި ބޭނުން ކުރަން ފަށާފައިވާ ކަމަށާއި، އެއާއިއެކު ދަނގެތީގައި ދެމުންދާ ކަރަންޓުގެ ހިދުމަތުގެ ޔަޤީންކަން އިތުރަށް ކަށަވަރުވެފައިވާ ކަމަށްވެސް ސްޓެލްކޯ އިން ބުންޔެވެ.
މިދިޔަ އަހަރަށް ވުރެ މި އަހަރުގެ ހޫނު މޫސުމުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރު ވާނެ ކަމަށް ސްޓެލްކޯ އިން ވަނީ ލަފާކޮށްފައެވެ. ކޮންމެ އަހަރެއްގެ މާރޗް މަހާއި އޭޕްރިލަ މަހަކީ އާންމުކޮށް ރާއްޖެއަށް އެންމެ ހޫނުގަދަވާ ދުވަސްވަރެވެ. މި އަހަރުގެ ރަމަޟާން މަސް ވެސް މި ދިމާވަނީ މި ދުވަސްތަކުގައި ކަމަށް ވުމުން ކަރަންޓު ބޭނުން ކުރުމުގައި ސަމާލުވުމަށް ސްޓެލްކޯ އިން ވަނީ އިލްތިމާސް ކޮށްފައެވެ.
ރަމަޟާން މަހުގެ ޑިމާންޑާއި އެއްވަރަށް ކަރަންޓު ދެވޭކަން ކަށަވަރު ކުރުމަށް ސްޓެލްކޯ އިން އަންނަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އޭގެތެރޭގައި އިތުރު ޖަނަރޭޓަރު ސެޓް ތައް ގެނައުމާއި އާންމުން ހޭލުންތެރިކުރުވުން ހިމެނެއެވެ.



