ދ. މީދޫ ސިއްޙީ މަރުކަޒަށް އިތުރު ކުރި އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހުޅުއްވައިދެއްވައިފިއެވެ.
ރައީސް މުޢިއްޒު އެ އިމާރާތް ހުޅުއްވައިދެއްވީ، ދ. އަތޮޅުގެ ރަށްތަކަށް އިއްޔެ ފައްޓަވާފައިވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު މީދޫއަށް ވަޑައިގަތުމަށް ފަހުގައެވެ. އެމަނިކުފާނު މީދޫއަށް ވަޑައިގަތުމުން އެރަށުގެ ގިނަ އަދަދެއްގއ ރައްޔިތުންވަނީ ރައީސްއަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ.
މީދޫ ސިއްހީ މަރުކަޒަށް އިތުރުކުރި އިމާރާތް ހުޅުއްވައިދެއްވުމުގެ އިތުރުން، ރައީސް މުޢިއްޒު ވަނީ އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލު ކުރައްވައި، އެ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ވެސް ކުރައްވާފައެވެ.
މި ބައަދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މީދޫ ކައުންސިލު އިދާރާގައެވެ.
މީދޫއަށް ބޭނުންވާ ގިނަ ކަންތައްތަކަކާ ގުޅޭގޮތުން މިބައްދަލު ކުރެއްވުމުގައި އެ ރަށު ކައުންސިލުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
އެގޮތުން މައިގަނޑު ކަންތައްތަކެއްގެ ގޮތުގައި ހިއްސާ ކޮށްފައިވަނީ ބޯހިޔާވަހިކަމުގެ މައްސަލައަށާއި ކުނީގެ މައްސަލައަށް ޙައްލެއް ހޯދައިދެއްވުމަށާއި، ބަނދަރު ތޮށްޖެހިފައިވާ މައްސަލައަށް ހައްލެއް ބޭނުންވާކަމަށާއި، ބިން ހިއްކުމުގެ ސަބަބުން މޫދަށް އެރޭނެ އެކަށީގެންވާ ސަރަހައްދެއް ނެތުމުން ހުރި ކަންބޮޑުވުންތަކެވެ.
މީގެއިތުރުން ރަށުގެ ޞިއްޙީ މަރުކަޒު، ލެވެލް ހަތަރަކަށް މަތިކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން ޒުވާނުންނަށް ބޭނުންވާކަންކަންވެސް ތަފްޞީލީ ގޮތެއްގައި ކައުންސިލުން ރައީސް މުޢިއްޒުއާ ހިއްސާކުރެއްވިއެވެ.




