އިންސާނީ ޙައްޤުތައް ކުރިއަރުވައި ހިމާޔަތްކުރުމަށް ސާބިތުކަމާއެކު ދިވެހިރާއްޖެއިން ކުރިއަށްދާނެ ކަމަށް ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ސްވިޓްޒަލެންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ 58 ވަނަ ސެޝަންގެ ހައިލެވެލް ސެގްމަންޓްގައި ތަޤުރީރު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރާއްޖެއިން އެއްބަސްވެފައިވާ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާ ބެހޭ މުޢާހަދާތަކާއި އެންމެހައި ރައްޔިތުންގެ އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމުގައި މި ސަރުކާރުން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން އެމަނިކުފާނުގެ ތަޤްރީރުގައި ދެއްވިއެވެ. އަދި އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ މެންބަރު ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކަށް ވެސް މިނިސްޓަރު ޚަލީލް ވަނީ އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ކައުންސިލްގެ މަސައްކަތުގައި ބައިވެރިވުމަށް މަގުފަހިކުރުމަށްޓަކައި ވޮލަންޓްރީ ޓްރަސްޓް ފަންޑެއް ޤާއިމުކުރުމާއި ސާފުތާހިރު، ދުޅަހެޔޮ، ދެމެހެއްޓެނިވި ތިމާވެށްޓަކީ އިންސާނީ ޙައްޤެއްކަން ދުނިޔޭގެ ފެންވަރުގައި ބަލައިގަތުމަށް ރާއްޖެއިން އަދާކޮށްފައިވާ އިސްދައުރު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގެ ތަޤުރީރުގައި އިންސާނީ ޙައްޤުތައް ކުރިއެރުވުމަށާއި ޙިމާޔަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި، މިންތީގެ ހަމަހަމަކަމާއި އެކަށީގެންވާ ބޯހިޔާވަހިކަމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޖުތަމައުގައި ބައިވެރިކުރުން އިތުރުކުރުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓާއި އެވެށީގައި ދިރިއުޅޭ ފަރާތްތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުން ފަދަ އިޖުތިމާއީ ކަންކަމަށް ސަރުކާރުން ދޭ އަހަންމިއްޔަތުގެ މައްޗަށް ވެސް އެމަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ.
މީގެ އިތުރުން، ފަލަޞްޠީނުގެ ރައްޔިތުންނަށް އިސްރާއީލުން ދީފައިވާ ލާއިންސާނީ ޙަމަލާތަކުގެ ސަބަބުން ލިބިފައިވާ ގެއްލުންތަކާއި ގެއްލިފައިވާ ފުރާނަތަކުގެ މައްޗަށް މިނިސްޓަރ ޚަލީލްގެ ވާހަކަފުޅުގައި ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ފަލަޞްޠީނާއި ދިވެހިރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ 58 ވަނަ ސެޝަން ކުރިއަށް ދަނީ 24 ފެބްރުއަރީ އިން 4 އޭޕްރީލް 2025 އަށް ސްވިޓްޒަލޭންޑްގެ ޖެނީވާގައެވެ. ދިވެހިރާއްޖެއަކީ 2023 އިން 2025 ވަނަ އަހަރުގެ ނިޔަލަށް އ.ދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ މެމްބަރު ޤައުމެކެވެ.



