މެޑިކަލް މާފިއާއަށް ބޭސް ކޮންޓްރޯލް ކުރުމުގެ ފުރުސަތެއް ނުދެއްވާނެ ކަމަށާއި، ހުރިހާ ބޭހެއް ގެނައުމުގެ މަސައްކަތް ސަރުކަރުން ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ.
ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ އެ މަނިކުފާނު މިހާރު ދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދ. މީދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
ރައީސް ވިދާޅުވީ މި ފަހުން ރާއްޖެއިން ބޭސް ލިބުން ދަތިވީ ބޭސް ގެންނަ އަމިއްލަ ކުންފުނިތަކުން އެކަމަށް ދަތިކުރުމުން ކަމަށާއި، އެފަރާތްތަކުން އެކަން ކުރީ ސަރުކާރުން ބޭހުގެ އަގު ދަށްކުރުމުން، ސަރުކާރަށް ދަތިކުރުމުގެ ބޭނުމުގައި ކަމަށެވެ.
“ ބޭހުގެ މައްސަލައަށް ފިޔަވަޅު އަޅަން ފެށީމައި، 1000 އިންސައްތަ، 2000 އިންސައްތަ ޕްރޮފިޓް ލާފައި އާސައިންދައިގެ ތެރެއިން ތިޔަބޭފުޅުންގެ ޓެކްސް ފައިސާއިން ބޭހުގެ ވިޔަފާރިކުރާ އެތައް ބަޔަކު ދިޔައީ ފައިސާ ނަގަމުން “ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބޭހުގެ މައްސަލަ ހައްލު ކުރުމަށް ފިނޭންސް މިނިސްޓްރީ ގެ ހާއްސަ އެހީތެރިކަމާއިއެކު އެސްޓީއޯއިން ހުރިހާ ބޭހެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
“ މެޑިކަލް މާފިއާއަށް ބޭސްތައް ކޮންޓްރޯލް ކުރުމުގެ ޗާންސެއް އަޅުގަނޑުމެން ނުދޭނަން “ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އަންނަ މާރޗު 15 ވަނަ ދުވަހާ ހަމައަށް އެމްއެފްޑީއޭގެ އެސެންޝިއަލް މެޑިކަލް ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް ގެނެސް ހަމަކޮށް އެސްޓީއޯގެ ބޭސްފިހާރަތަކުން ލިބިގެންދާނެ ކަމަށް ރައީސް ވަނީ މިރޭ އިއުލާނު ކުރައްވާފައެވެ. އަދި އެންމެ ޒަރޫރީ ބޭސްތަކުގެ އިތުރުން އެހެން ހުރިހާ ބޭހެއްވެސް އޭޕްރިލް 15 ވަނަ ދުވަހުން ފެށިގެން އެސްޓީއޯގެ ބޭސްފިހާރަތަކުން ލިބޭނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުއިއްޒު ވަނީ އަރުއްވާފައެވެ.




