މަސްވެރިންނަށްވެސް ރޯދަ އިނާޔަތް ލިބޭނެ އިންތިޒާމު ހަމަޖައްސަވަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު މިހެން ވިދާޅުވީ އެ މަނިކުފާނު މިހާރު ދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ ދ. މީދޫގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
ރައީސްގެ ވާހަކަފުޅުގައި އެ މަނިކުފާނު ވިދާޅުވީ އަންހެންނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް މިހާރު ރޯދަ އިނާޔަތް ލިބޭ ފަދައިން، ކުރިޔަށް އޮތް ތަނުގައި އިތުރު ފަންނުތަކުގެ މަސައްކަތްތެރީންނަށްވެސް ރޯދަ އިނާޔަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މަސްވެރިންނަށްވެސް ރޯދަ އިނާޔަތް ލިބިގެން ދިޔުމަކީ އެ މަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށާއި، އެ ކަމަށް ވާސިލުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ސަރުކާރުން މިހާރު ކުރަމުންދާ ކަމަށެވެ.
“ ޤާނޫނީ ގޮތުން ކަންކަން ފަހިކޮށްގެން، ކުރިޔަށް އޮތް ތަނުގައި މަސްވެރިނަންށް އަޅުގަނޑުމެން އިރާދަކުރެއްވިޔާ ބޭނުންވަނީ ރޯދަ އިނާޔަތް ލިބޭނެ ގޮތް ހަދަން “ ރައީސް ވިދާޅުވިއެވެ.
އަދި އެކަމުގެ ފުރަތަމަ މަރުހަލާއެއްގެ ގޮތުގައި މަސްވެރިންގެ ދަފްތަރެއް މިހާރު އެކުލަވާލާފައިވާ ކަން ރައީސް ފާހަގަ ކުރެއްވިއެވެ.
“ އެހެންވީމައި އަޅުގަނޑުމެން ގާނޫނީ ގޮތުން ބަލައިގަންނަ މަސްވެރިންގެ ދަފްތަރެއް މި އުފެއްދީ. އެކަމުގެ އުސޫލު ގެޒެޓުކޮށް، އެ ދަފްތަރުގައި ޖެހޭ ފަރާތްތަކަށް ބޭންކިންގ ނިޒާމުގެ ތެރެއިން ލޯނު ނެގުން ފަދަ ކަންކަން ފަހިވެގެން ދާނެ “ ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ފުރިހަމަ ކުރަން ޖެހޭ މަރުހަލާތައް ފުރިހަމަ ކުރުމަށް ފަހު، މާ ލަސްތަކެއް ނުވެ މަސްވެރިންގެ އިތުރުން ދެން ހުރި ފަންނުތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށްވެސް ރޯދަ އިނާޔަތް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.



