މަގާމުގެ ބޭނުން ކޮށްގެން ފުލުހުންނަށް ނުފޫޒު ފޯރުވާނަމަ ކުރީ ސަރުކާރުގެ ހުރިހާ ވެރިން މިހާރު ތިބޭނީ ޖަލުގައި ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ބެލުމަށް މިއަދު މަޖިލިހަށް ހާޒިރުކުރުމުން، މައްސަލައަށް ޖަވާބުދާރީވާން ލިބުނު ފުރުސަތުގައެވެ.
އިދިކޮޅު އެމްޑީޕީން މިނިސްޓަރު އިހުސާންއާމެދު ކޮށްފައިވާ އެއް ތުހުމަތަކީ ފުލުހުންގެ ތަހުގީގުތަކަށް ސިޔާސީ ނުފޫޒު ފޯރުވައި، ސަރުކާރަށް ނިސްބަތްވާ މީހުން ހިންގާ ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގުކުރަން ހުރަސް އެޅުމާއި ފުލުހުންގެ މަސްއޫލިއްޔަތުތައް އަދާކުރަން ތަކުރާރުކޮށް ހުރަސްއެޅުމުގެ ތުހުމަތެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓަރު އިހުސާން ވިދާޅުވީ ފުލުހުންނަށް ސިޔާސީ ނުފޫޒު ނުފޯރުވާ ކަމަށާއި ފޯރުވަން ނުޖެހޭ ކަމަށެވެ.
”ތިއީ އެއްވެސް ވަރަކަށް ތާކުންތާކު ޖެހޭ ވާހަކައެއް ނޫން. ސިޔާސީ ނުފޫޒު ފޯރުވާ ނަމަ ކުރީގެ ސަރުކާރުގެ ވެރިން ތިބޭނީ ޖަލުގައި“ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެ ބޭފުޅުން މިއަދު މިނިވަންކޮށް ތިއްބެވީ ގޯސްކޮށް ކަމެއް ނުކުރައްވާތީ ނޫން ކަމަށާއި އެ ބޭފުޅުންގެ މައްޗަށް ތުހުމަތުވާ ކަންކަމުގެ ތަހުގީގުތައް ދައުލަތުން ކުރަމުން އަންނަ ކަމަށެވެ. އެކަން ކުރަމުން އަންނަނީ ފުލުހުންނަށް ގާނޫނުގެ ތެރެއިން ލިބިދީފައިވާ ބާރުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.



