ހައުސިންގް ޔުނިޓް ހަދަން ސަރުކާރުން ނިންމާފައިވާ ރަށްރަށުގައި، ރައްޔިތުން ބޭނުންވާނަމަ އެމީހެއްގެ އަމިއްލަ ގޯއްޗެއްގައި ހައުސިންގް ޔުނިޓް އަޅައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭގައި ވިދާޅުވެއްޖެއެވެ.
ދ. އަތޮޅުގެ ރަށްތަކަށް މިހާރު އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މީދޫގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ އެ ރަށަކީ ވެސް 200 ހައުސިން ޔުނިޓް އިމާރާތްކުރަން ވައުދުވެފައިވާ ރަށެއް ކަމަށެވެ.
ނަމަވެސް އަމިއްލަ ގޯއްޗެއް ލިބި، އެ ތަނުގައި އިމާރާތެއް އެޅުމުގެ ތަނަވަސްކަން ނެތް ނަމަ އެ މީހަކަށް އަމިއްލަ ގޯތީގައި ސަރުކާރުން ހައުސިން ޔުނިޓް އަޅައި ދޭނެ ކަމަށާއި އެއީ ތިން ކޮޓަރީގެ ހައުސިން ޔުނިޓްތަކެއް ކަމުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ.
”މި މަޝްރޫއު ކުރިއަށް ދާއިރު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މި ރަށުގައި ވެސް ރައްޔިތުންނަށް ހިއްކި ސަރަހައްދުން ގޯތި ދޭން ކަނޑައެޅިފައި މި އޮތީ. އެކި ސަރަަހައްދު ވިޔަސް އަދި ރަށުގައި ގޯތި ލިބިފައި ހުސްކޮށް އޮތް ގޯއްޗެއް ކަމަށްވާ ނަމަ އެ ގޯތީގައި މި ޕްރޮޖެކްޓްގެ ތެރެއިން ތިން ކޮޓަރީގެ އެޕާޓްމަންޓް މި އަޅަނީ،“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ އެއީ ފްލެޓް މަޝްރޫއެއް ނަމަވެސް ރައްޔިތުން ބޭނުންވާ ނަމަ އަމިއްލަ ގޯތީގައި އެޅުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ.



