ނ. ހޮޅުދޫގައި މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި އެރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވާ، އެކަންކަން ހައްލު ކުރުމަށް ހޯމް މިނިސްޓަރ އަލީ އިހުސާން އާއި ކޮމިޝަނާރ އޮފް ޕޮލިސް އަލީ ޝުޖާއު އެރަށަށް ވަޑައިގަތުމަށް ހަަމަޖެހިއްޖެއެވެ.
އުމުރުން 50 އަހަރުގެ ޒަކިއްޔާ މޫސާ ޒަހަމްތަކަކާއިއެކު މަރުވެފައި އޮއްވާ ފެނިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު، އޭނާ ދިރިއުޅޭ ގޭތެރެއިންނެވެ.
ޒަކިއްޔާގެ މަރުގެ މައްސަލައަށް އިންސާފު ހޯދައިދިނުމަށް އެދި ހޮޅުދޫގެ ރައްޔިތުން ދަނީ މިހާރުވެސް އިހުތިޖާޖު ކުރަމުންނެވެ. ޒަކިއްޔާ މަރުވީ އަމިއްލައަށް ކަމަށް އަޑު ފެތުރިފައިވީނަމަވެސް ފުލުހުން ދަނީ އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަމުންނެވެ. އެރަށުގެ ރައްޔިތުން ބުނާ ގޮތުގައި ޒަކިއްޔާ މަރުވި އިރު ކަރުގައި ޒަހަމަތަކެއް ފެންނަން ހުއްޓެވެ. އަދި އޭނާ މަރުވެފައި އޮތް ސަރަހައްދުން ވަޅިއެއްވެސް ފެނިފައިވާއިރު، މި މަރާ މެދު ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް އެރަށުގެ ގިނަ ރައްޔިތުން ދެކެއެވެ. ނަމަވެސް މިހާތަނަށް ތަހުގީގުން އެނގޭ ގޮތުން އޭނާ މަރާލަފައިވާ ކަމުގެ އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހޮޅުދޫ ދާއިރާގެ މަޖްލިސް މެމްބަރު އަބްދުލް ސައްތާރު މުހައްމަދު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒަކިއްޔާގެ މަރުގެ މައްސަލައާއި ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ރައްޔިތުންނާއި ބައްދަލު ކުރުމަށް ހޯމް މިނިސްޓަރާއި ސީޕީ ވަރަށް އަވަހަށް ހޮޅުދޫ އަށް ޒިޔާރާތް ކުރައްވާނެ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މި ދެބޭފުޅުން އެރަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުގެ ވަގުތެއްގައެވެ.



