ކުރިޔަށް ރޯދަ މަހުގެ ފުރަތަމަ ދެ ދުވަހުވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހާ ހަމަޔަށް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް ވާނެ ކަމަށް ލަފާ ކުރާ ކަމަށެވެ. އަދި މި ދުވަސް ތަކުގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެ ކަމަށާއި، ވަކިން ހާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހި ވައިވެސް ގަދަވާނެ ކަަމަށް މެޓް އޮފީހުން ލަފާ ކުރެއެވެ. މީގެ އިތުރުން އުތުރުގެ ބައެއް ރަށްތަކަަށްވެސް ކެރީގެ އަސަރު ފޯރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ ވިލާގަނޑުގައި އިތުރަށް ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައަކީ، ރާއްޖޭގެ އިރުމާތީ ސަރަހައްދުގައި އުފެދިފައިވާ ސާކިއުލޭޝަނެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށާއި، ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި، އާންމުކޮށް ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.




