ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ ކަމަށް މިދިޔަ އެމްޑީޕީ ސަރުކާރުން އިއުލާނު ކުރި ލިސްޓުގެ ތެރެއިން، ޝަރުތު ހަމަވަނީ 1،820 މީހެއް ކަމަށާއި، އެ ފަރާތްތަކުގެ ނަންތައް ހިމެނޭ ލިސްޓު މިއަދު 15:00 ގައި އާން ކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުންދާ 4،000 ފްލެޓް ގެ ތެރެއިން 3 ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3721 މީހުންގެ ތެރެއިން، 75 ޕޮއިންޓާއިއެކު ޝަރުތު ހަމަވެފައިވަނީ 1423 މީހުން ކަމަށެވެ. އަދި 2 ކޮޓަރީގެ ލިސްޓުގައި ހިމެނޭ 1218 މީހުންގެ ތެރެއިން 73 ޕޮއިންޓާއިއެކު ޝަރުތު ހަމަވެފައިވަނީ 397 މީހުން ކަމަށެވެ. ވީމާ ކުރީ ސަރުކާރުން ފްލެޓް ލިބޭނެ ކަަމަށް ކަނޑައެޅި 4939 މީހުންގެ ތެރެއިން ޝަރުތު ހަމަވާކަން ކަށަވަރުވެ، ފްލެޓް ލިބެނީ 1820 މީހުންނަށް ކަމަށް މިނިސްޓަރ މުއްތަލިބް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އެ 1820 މީހުންނާ ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތް ވަރަ އަވަހަށް ފަށާނެ ކަމަށެވެ. އަދި ފްލެޓް ނުލިބޭ ކަމަަށް ކަނޑައެޅި 3119 މީހުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އެއް މަސް ދުވަހަށް ހުޅުވާލާފައިވާ ކަމަށެވެ.
އަދި އެފަރާތްތަކުގެ ޝަކުވާތައް ބަލައި، އަލުން އިވެލުއޭޓު ކޮށް ބާކީ ހުރި ފްލެޓުތައް ހަވާލު ކުރުމުގެ މަސައްކަތައް ގާތްގަނޑަކަށް 4 މަސް ދުވަސް ވަރު ނަގާނެ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.



