”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން މާލޭ ރަށްވެހިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން، ސަރުކާރުން ދިނުމަށް ހަމަޖެހިފައިވާ ފްލެޓުތަކުގެ މަހު ކުލީގެ އަގުތައް މިއަދު ހާމަކޮށްފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލު ވިދާޅުވީ، ފްލެޓު ދިނުމަށް ހަމަޖެހުފައިވާ 4000 މީހުންގެ ތެރެއިން، ލިސްޓު އިވޭލުއޭޓް ކުރުމަށްފަހު ޝަރުތުހަމަވެގެން ފްލެޓު ލިބޭނެ ހަމަޖެހިފައިވަނީ 1820 ފަރާތަކަށް ކަމަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހިން ދިނުމަށް ހަމަޖެހިފައިވާ އެ ފްލެޓުތަކުގައި ހިމެނެނީ ތިން ކޮޓަރީގެ އެޕާޓްމަންޓާއި ދެ ކޮޓަރީގެ އެޕާޓް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ 15 ނޮވެމްބަރު 2023 ގައި ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުގައި ދެ ކޮޓަރީގެ ފްލެޓެއްގެ މަހު ކުއްޔަކީ 5،000 ރުފިޔާ ކަމަށާއި މެއިންޓަނަންސް ފީއަކަށް 1،000 ރުފިޔާ ކަމަށެވެ. އަދި ތިން ކޮޓަރީގެ ފްލެޓަކަށް ހަމަޖައްސާފައިވާ މަހު ކުއްޔަކީ 7،000 ރުފިޔާ ކަމަށާއި މެއިންޓަނަންސް ފީއަކަށް 1،000 ރުފިޔާ ކަމަށް އެ އިއުލާނުގައި ބަޔާންކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
”މި އަދަދުތަކަކީ ދައުލަތުން ލޯނު ދައްކަންޖެހޭ އަދަދުތަކަށް ބަލައި، އެސެސްމަންޓު ހަދާފަ ކަނޑައަޅާފަ ހުރި އަދަދުތަކެއް ނޫން. އަދި ސަރުކާރުން މިހާތަނަށް ގެންގޮސްފައިހުރި މަޝްރޫޢުތަކުން ނަގަން ކަނޑައަޅާފައި ހުރި އަދަދަށް ބަލާފައިވެސް ކަނޑައަޅާފަ ހުރި އަދަދުތަކެއް ނޫން“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު މުއްޠަލިބު ވިދާޅުވީ، އެއީ އެންމެ އިންސާފުވެރިކޮށް ކަނޑައަޅާފައި ހުރި އަދަދުތަކެއް ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
އެހެންކަމުން ސަރުކާރުން (ސަބްސިޑައިޒް ކުރުމަށްފަހު) މިހާރު ކަނޑައަޅާފައިވަނީ:
° ދެ ކޮޓަރީގެ ފްލެޓަކުން 7،000 ރުފިޔާއާއި މެއިންޓަނަންސް ފީގެ ގޮތުގައި 1000 ރުފިޔާ
° ތިން ކޮޓަރީގެ ފްލެޓަކުން 9،000 ރުފިޔާއާއި މެއިންޓަނަންސް ފީގެ ގޮތުގައި 1500 ރުފިޔާ، ނެގުމަށް ވަނީ ހަމަޖެހިފައެވެ.



