ގއ. ގެމަނަފުށީގައި އަލަށް ޤާއިމުކުރެވުނު އައިސް ޕްލާންޓު މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
މި އައިސް ޕްލާންޓު ރަސްމީކޮށް ހުޅުވައިދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމެވެ.
އިންޑިއަން އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ތެރެއިން ޤާއިމުކުރެވުނު މި އައިސް ޕްލާންޓަކީ ދުވާލަކު 50 ޓަނުގެ ބްލޮކް އައިސް އުފެއްދޭ އަދި 100 ޓަނުގެ އައިސް ރައްކާކުރެވޭނެ ޕްލާންޓެކެވެ. މި ޕްލާންޓު ހުޅުވުމާ ގުޅިގެން، މިއަދު އައިސް ދޫކުރަނީ ހިލޭއެވެ.
އައިސްޕްލާންޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، މި މަޝްރޫޢަކީ އިންޑިޔާއާއި ރާއްޖެއާ ދެމެދު އޮތް ވަރުގަދަ ގުޅުމުގެ ހެއްކެއް ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މި އައިސްޕްލާންޓަކީ ފެލިވަރު ފުޅާކުރުމުގެ މަޝްރޫޢުގެ ބައެއް ކަމަށާއި، މި މަޝްރޫޢުން މަސްވެރިކަމުގެ ދާއިރާގައި ހުރި މައިގަނޑު ގޮންޖެހުންތަކުގެ ތެރެއިން މަސް އެއްކުރުމާއި ރައްކާކުރުމުގެ މައްސަލަ ހައްލުވެގެންދާނެ ކަމަށެވެ.
”މިކަމުން އަޅުގަނޑުމެންގެ މަސްވެރިންގެ ދިރިއުޅުން ވަރަށް ބޮޑަށް ރަނގަޅުވެ، ހުވަދުއަތޮޅުގައި އަޅުގަނޑުމެންގެ މަސްވެރިކަމުގެ ސިނާޢަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް މަގުފަހިވެގެންދާނެ“ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



