ގްރޭޓަރ މާލެ ސަރަހައްދުގައި ވަޒީފާ އަދާކުރާ ބިދޭސީ މުވައްޒަފުންގެ ބައޯމެޓްރިކްސް އަޕްޑޭޓްކުރުމަށް އިތުރު ފަސޭހަ ގޮތްތަކެއް ހަމަޖައްސައިފިއެވެ.
ދާޚިލީ ސަލާމަތާއި ފަންނިޔަތާއި ބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ގްރޭޓަރ މާލެ ސަރަހައްދުގައި މަސައްކަތްކުރާ ބިދޭސީންގެ ފިންގަރޕްރިންޓް އަދި ފޮޓޯ އަޕްޑޭޓްކުރުމަށް ވަޒީފާދޭ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން އިތުރު އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.
މިގޮތުން، އެންސީއައިޓީގައި ގާއިމްކޮށްފައިވާ ޖޮއިންޓް އޮޕަރޭޝަން ސެންޓަރުސެންޓަރުގެ އިތުރުން، ނޯތު ހާބަރުގައި ހުންނަ ދަ ޝޮޓް ހާބަރ ރެސްޓޯރަންޓް ސަރަހައްދުގައިވެސް ބައޯމެޓްރިކްސް ނެގުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ.
މި ޚިދުމަތް ލިބެން ހުންނާނީ 1446 ވަނަ އަހަރުގެ ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަތް ދުވަހުއެވެ.
އެވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ބައޯމެޓްރިކްސް ނެގުމުގެ ޚިދުމަތް ލިބެން ހުންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން 16:00 އަށް އަދި ރޭނގަޑު 21:30 އިން 23:30 އަށެވެ.
ބިދޭސީ މުވައްޒަފުންގެ މައުލޫމާތު އަޕްޑޭޓްކޮށް، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ރެކޯޑުތައް ހަރުދަނާކުރުމަށް ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ދާޚިލީ ވުޒާރާއިން ވަނީ މިއަހަރުގެ އޭޕްރިލް މަހުގެ 20 ވަނަ ދުވަހުގެ ކުރިން ބަޔޯނެޓްރިކްސް ނުދޭ ބިދޭސީން ޑީޕޯޓުކޮށްލަން ނިންމާ އެކަން އިއުލާން ކޮށްފައެވެ.




