ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމިކް މިނިސްޓްރީން ބާއްވާ އިޙްޔާ ފޯރަމް، އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިއަހަރުވެސް އޮންނާނެ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
މިއަހަރު މާލޭގައި 8 އިޙްޔާ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި އިޙްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖައްސާފައިވަނީ ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހުގެ ރޭގައި ކަމަށް ވެސް އެމިނިސްޓްރީން ބުނެފައިވެއެވެ.
އެގޮތުން މިއަހަރުގެ ފުރަތަމަ އިޙްޔާ ފޯރަމް އޮންނާނީ މާދަމާ ރޭ ކަމަށާއި މި ފޯރަމްގައި ”ހެޔޮ ގޮތުގައި މުދާ ހޯދުމާއި ބޭނުންކުރުން“ މި މަޢުޟޫއަށް ތަޤުރީރު ކުރައްވާނީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ކަމުގައި އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.
މިނިސްޓަރު ޝަހީމްގެ އިތުރުން އިޙްޔާ ފޯރަމްތަކުގައި ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، ފަޟީލަތުއްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް ޙުސައިން، އައްޝައިޚް މުޙައްމަދު ޤުބާދު އަބޫބަކުރު، ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފު، ޑރ. މޫސާ ޢަންވަރު ޙަސަން، ޑރ. އަނާރާ ނަޢީމުގެ އިތުރުން ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާޞިމްއެވެ.
މީގެއިތުރުން މިއަހަރުވެސް ސްކޫލް ދަރިވަރުން ހުށައަޅާދޭ ދަރިވަރުންގެ އިޙްޔާ ފޯރަމްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދަރިވަރުންގެ އިޙްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ ހޯމަ އަދި ބުދަ ދުވަހުގެ ރޭގައެވެ.
މިއަހަރުވެސް އިޙްޔާ ފޯރަމްތަކަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައިގެން ހާއްސަ އެކި އިނާމުތައް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.



